Last Updated: June 8, 09:21
Monday, June 8, 2026
ޚަބަރު

ސަރުކާރަށް ތާއީދު ނެތުމުން ވަޒީފާގެ ބިރު އަންނަނީ ދައްކަމުން

ކައުންސިލު އިންތިޚާބުގައި ސަރުކާރަށް ތާއީދު ނެތް މަންޒަރު ފެނުމުން ވަޒީފާގެ ބިރު އެތައް ބަޔަކަށް ދައްކަމުންދާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ކައުންސިލް އިންތިހާބުގައި ސަރުކާރަށް ތާއިދު ނެތް މަންޒަރު ފެނުމުން ވަޒީފާގެ ބިރު އެތައް ބަޔަކަށް އަންނަނީ ދައްކަމުން ކަމަށެވެ.

"އެގޮތުން އަޅުގަނޑާއި އެކު ފޮޓޯއެއް ނެގުމުން މިއަދު ތިނަދޫ ސިޓީގައި ވެމްކޯގައި މަސައްކަތް ކުރަމުންދިޔަ ނާބިތު، ނާއިފް އަދި ސާލިހް އަހްމަދު ކުޅުދުއްފުށި ސިޓީ އާއި އިހަވަންދޫއަށް ބަދަލުކޮށްފި. ދޮގު ބަޔާނެއްގައި ސޮއިކުރުވަން މަޖުބޫރު ކުރުވައި އެ ތިން މުވައްޒަފުންނަށް ސަރުކާރުން ދިނީ ބޮޑު އަނިޔާއެއް،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ގަދަ ބާރު ދައްކައިގެން ތާއީދެއް އިތުރެއް ނުވާނެ ކަމަށާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ހިޔާލު ފާޅުކުރުމަކީ ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް އޮތް ހައްގެއް ކަމަށެވެ. އަދި ދިވެހިންގެ ހުރިހާ މަދަނީ އަދި ސިޔާސީ ހައްގަކަށް ޕީއެންސީން އަރައިގަންނަމުންދާތީ ކައުންސިލް އިންތިހާބުގައި ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނަން ޖެހޭ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން ވެމްކޯއިން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.