Last Updated: June 8, 09:21
Monday, June 8, 2026
ޚަބަރު

ރައީސް، ޖަރުމަނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދަޢުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އެގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ނިންމަވާލައްވައިފި އެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ޖަރުމަނުވިލާތުގެ ރައީސް ޝްޓައިންމަޔަރގެ އިތުރުން ޖަރުމަނު ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި މި ދަތުރުފުޅުގައި ޖަރުމަނުވިލާތުގައި ބިޒްނަސް ފޯރަމެއް ބޭއްވިއިރު، މިދަތުރުފުޅުގެ ބައެއްގެ ގޮތުގައި ހިމެނިގެން، ބަރލިންގައި ހުންނަ ހުމްބޯލްޑްޓް ޔުނިވަރސިޓީއަށް ވަޑައިގެން "މޫސުމީ ބަދަލަށް ހޭނުމުގައި ރާއްޖޭގެ ތަޖުރިބާ" ހިއްސާކުރައްވައި އެ ޔުނިވަރސިޓީގައި ތަޤުރީރު ކުރެއްވި އެވެ.

މީގެއިތުރުން ޖަރމަން ކައުންސިލް ފޮރ ފޮރިން ރިލޭޝަންސަށް ޒިޔާރަތް ކުރައްވައި އެތަނުގައި ވެސް ރައީސް ތަގުރީރު ކުރެއްވި އެވެ.

ރައީސް ޖަރުމަނުވިލާތަށް ދަތުރުފުޅެއް ކުރައްވާފައިވާއިރު، މި އަހަރަކީ ރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ އަހަރެވެ. ރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 5 ޖުލައި 1966 ގައެވެ.