Last Updated: June 27, 17:39
Saturday, June 27, 2026
ޚަބަރު

މުރުޝިދުއާއި ދިމާލަށް "އައުގުރާނަ" ގޮވި: ޕީއެސްސީ

މުރުޝިދު ހައްޔަރުކޮށްގެން ގެންދަނީ. އޭނާއާއި ދިމާލަށް ހަޑިބަސްތައް ބޭނުން ކުރިކަމަށް ފުލުހުން ބުނޭ. ފޮޓޯ: ރާއްޖެއެމްވީ

ރާއްޖެޓީވީގެ ނޫސްވެރިޔާ މުރުޝިދު އަބްދުލް ހަކީމާ ދިމާލަށް ފުލުހަކު "އައުގުރާނަ" ގޮޮވިކަން ސާބިތުވެ ފުލުހަކާއި މެދު ފިޔަވަޅު އަޅައިފިއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހު ހަވީރު އެމްޑީޕީ ހަރުގޭގައި ބޭއްވި "ކުއްލި ކަޅެއް" ހަރަކާތް ކަވަރު ކުރަން އުޅުނު މުރުޝިދު އަބްދުލް ހަކީމްއަށް ހަޑި ހުތުރު ބަހުން މުއާމަލާ ކުރިކަމަށް ސާބިތުވެ ފިޔަވަޅު އަަޅާފައިވަނީ ޕޮލިސް ކޯޕްރަލް ޝިފާން ރަޝީދަށެވެ.

މުރުޝިދު ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑަށް މައްސަލަ ހުށަހެޅުމުން އެތަނުން މައްސަލަ ތަހްގީގުކޮށް ޝިފާންގެ ފިޔަވަޅެއްގެ ގޮތުން ދެ ވަނަ ފަހަރަށް އެފަދަ ކަމެއް ނުކުރުމަށް ނަސޭހަތްތެރިވެފައިވެ އެވެ.

މުރުޝިދު ބުނީ އާޓިފިޝަލް ބީޗް ފާރުބުރި މަތީ އޭނާ އިށީންދެ އިންދާ އެ ސަރައްދުގައި އެއްވެ ތިބި މީހުން ފޮނުވާލުމަށް މަސައްކަތް ކުރި އެސްއޯ ފުލުހުންގެ ތެރޭގައި ހިމެނޭ ޝިފާން އޭނަ އާ ދިމާލަށް ހަޑިހުތުބަހުން މުއާމަލާތްކޮށް އެތަނުގައި ތިބި އެެހެން ފުލުހުންތަކަކާ އޭނާ ހަވާލުކުރި ކަމަށެވެ.

އެއްވުން ތައް ރޫޅާލުމުގައި ހަރަކާތްތެރިވާ ބައެއް ފުލުހުންގެ ފަރާތުން މިފަދަ ބޭއަދަބީ ބަސްތައް ބޭނުން ކުރާ އަޑު އިވުމަކީ އާއްމުކަމެކެވެ.