Last Updated: June 8, 09:21
Monday, June 8, 2026
ޚަބަރު

ސަރުކާރަށް މެޖޯރިޓީ ދީފިނަމަ ކައުންސިލްތައް އުވާލާނެ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ދީފިނަމަ ކައުންސިލްތައް އުވާލާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ (ގަޕޯ) މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ޣަފޫރު ވިދާޅުވީ މި ސަރުކާރަށް ރައްޔިތުންނަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތް ކަމަށާއި "ކަނާއަތުންނާއި ވައަތުން" ކުރަނީ ވައްކަން ކަމަށެވެ. އަދި ދައުލަތުން 176 ބިލިއަން ރުފިޔާ ކައި ހުސްކޮށްލިއިރު، ރައްޔިތަކަށް ވީ އެއްވެސް ކަމެއް ނެތްއިރު، 400 އަށް ވުރެ ގިނަ ޕްރޮޖެކްޓުތައް ހުރީ ހުއްޓިފައި ކަމަށް ޣަފޫރު ވިދާޅުވި އެވެ.

ރައްޔިތުންނަށް އެއްވެސް ކަމެއް ނުކޮށްދޭ ސަރުކާރަކަށް ވޯޓުދޭންޖެހޭ ސަބަބެއް ނެތް ކަމަށާއި މިއީ ރައްޔިތުންގެ އަޑުއަހާނެ ސަރުކާރެއް ވެސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރަން މިއުޅެނީ ކޮން ކަމެއްތޯ. މި ކައުންސިލްތައް މި ސަރުކާރަށް ދީފިއްޔާ އެބޭފުޅުން ބޭނުންކޮށްގެން ހުރިހާ ކައުންސިލެއް އުވާލާނީ. އެ ނޫން އެހެން ކަމެއް މި ބޭފުޅުން ނުކުރާނެ. ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީ ދިނީމާ ލާމަރުކަޒީ ގާނޫނު ފުނޑާލީ،" ޣަފޫރު ވިދާޅުވި އެވެ.

މި ސަރުކާރަށް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ސުޕަ މެޖޯރިޓީ ދިނުމުން ލާމަރުކަޒީ އުސޫލުގެ ގާނޫނު ފުނޑާލީ ކަމަށާއި އަދި މި ސަރުކާރަށް ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ދީފިނަމަ ކުރިއަށް އޮތްތަނުގައި އިންތިހާބެއްގައި ލާ ވޯޓެއްގެ ފާހަނގަވެސް ނުފެންނާނެ ކަމަށް ވިދާޅުވި އެވެ. އަދި މި ގައުމުގައި ވޯޓުލުމުގެ ހައްގު އެހިސާބުން ގެއްލޭނެ ކަމަށާއި އެކަން އެގޮތަށް ވާން ދޫކޮށްލައިގެން ނުވާނެ ކަމަށްވެސް ޣަފޫރު ވިދާޅުވި އެވެ.