Last Updated: June 8, 09:21
Monday, June 8, 2026
ކުޅިވަރު

ބްރެންޓްފޯޑުން އާސެނަލް ހުއްޓުވައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރެންޓްފޯޑާއި އާސެނަލް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.

މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި ދަމަހައްޓަމުން އައި ލީޑު މިހާރު ވަނީ ހަތަރު ޕޮއިންޓަށް ކުޑަވެފަ އެވެ. އާސެނަލް އެއްވަނައިގައި އޮތީ 26 މެޗުން ލިބުނު 57 ޕޮއިންޓާއެކު އެވެ. ދެވަނައިގައި 26 މެޗުން 53 ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ސިޓީ އެވެ. ތިންވަނައިގައި 26 މެޗުން ލިބުނު 50 ޕޮއިންޓާއެކު އެސްޓަންވިލާ އޮތްއިރު، ހަތަރުވަނައިގައި 26 މެޗުން 45 ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ.

ބްރެންޓްފޯޑުގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މެޗުގެ 61 ވަނަ މިނެޓްގައި ނޮނީ މަޑުއޭކޭ ވަނީ އާސެނަލަށް ލީޑު ނަގައިދީފަ އެވެ. މިއީ ބްރެންޓްފޯޑުގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ފޮނުވާލައިގެން މަޑުއޭކޭ ކާމިޔާބުކުރި ގޯލެކެވެ.

ނަމަވެސް އޭގެ 10 މިނެޓް ފަހުން ލުވިސް ޕޮޓާ ބްރެންޓްފޯޑަށް ނަތީޖާ އެއްވަރުކޮށްދިންއިރު، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މެޗުން މޮޅުވާން ދެ ޓީމަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެ އެވެ. އެގޮތުން ބްރެންޓްފޯޑުގެ ފޯވާޑް އިގޯ ތިއާގޯ އަށް ރަނގަޅު ދެ ފުރުސަތެއް ލިބުނުއިރު، އާސެނަލްގެ ގެބްރިއަލް މާޓިނެއްލީ ހުހަށް ހުރެ ފޮނުވާލި ހަމަލާ މަތަކުރީ ބްރެންޓްފޯޑުގެ ކީޕަރު ކެލަހާ އެވެ.

ޕްރިމިއާ ލީގުގައި އާސެނަލުން ދެން ބައްދަލުކުރާނީ ލީގުގެ ފުލުގައި އޮތް ވުލްވްސްއާ އެވެ.