Last Updated: June 8, 09:21
Monday, June 8, 2026
ކުޅިވަރު

ފުރަތަމަ ލެގުގައި ބާސާ އަތުން އެތްލެޓިކޯއަށް ބޮޑު މޮޅެއް

ސްޕެނިޝް ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ބާސެލޯނާގެ މައްޗަށް 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް ކުރި ހޯދައިފި އެވެ.

ބާސާގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހު އެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް މުބާރާތުގެ ފައިނަލަށް އެތްލެޓިކޯ އަށް ދަތުރުކުރެވޭނެ އެވެ.

އެތްލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގަ އެވެ. އެގޮތުން އެތްލެޓިކޯގެ ފުރަތަމަ ގޯލަކީ މެޗުގެ ހަތްވަނަ މިނެޓްގައި ބާސާގެ ޑިފެންޑަރު އެރިކް ގާސިއާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަދި މެޗުގެ 14 ވަނަ މިނެޓްގައި އެންޓޮއިން ގްރިޒްމަން އެތްލެޓިކޯގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު، އެޓީމުގެ ތިންވަނަ ގޯލު މެޗުގެ 33 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ އަޑެމޯލާ ލުކްމަން އެވެ.

އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ޖޫލިއަން އަލްވަރޭޒް އެތްލެޓިކޯގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިންއިރު، ދެވަނަ ހާފުގައި ގޯލުޖަހާނެ އިތުރު ފުރުސަތުތަކެއް ވެސް އެތްލެޓިކޯ އިން ތަނަވަސްކޮށްފައިވެ އެވެ.

މި މެޗުގެ 85 ވަނަ މިނެޓްގައި އެތްލެޓިކޯގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ބާސާގެ ޑިފެންޑަރު އެރިކް ގާސިއާއަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.