Last Updated: June 5, 19:20
Friday, June 5, 2026
ރިޕޯޓް

ރޯދަ؛ ބާރުގަދަ ބޭހަކަށް ވުރެ ފައިދާ ބޮޑު!

ކީރިތިވަންތަ މާތް ރަސްކަލާނގެ އަޅަމެންނަށް ފަރުޟު ކުރައްވާފައިވާ ކޮންމެ ކަމަކީ ވެސް އެކަމެއްގައި ހިކުމަތުން ފުރިގެންވާ އަދި ދެ ދުނިޔޭގައި ވެސް އޭގެ ފައިދާއާއި މަންފާ އެކުލެވޭ ކަމެއް ކަމާ މެދު ކުޑަ ވެސް ޝައްކެތް އަދި ވަސްވާހެއް ވެސް ނެތެވެ. ހަމަކަށަވަރުން ރޯދަ އަކީ ވެސް މީގެ ލާމަސީލު މިސާލެކެވެ.

މިއަދު މި ދުނިޔޭގައި އަށް ބިލިއަނަށް ވުރެ ގިނަ އިންސާނުން ދިރިއުޅެމުން އެބަދެއެ ވެ. މީގެ ތެރެއިން އުމުރުން 110 އަހަރުން މަތީގެ މީހުންގެ ގޮތުގައި މުޅި ދުނިޔޭގައި ތިބި ކަމަށް ލަފާ ކުރެވެނީ އެންމެ 500 ވަރަކަށް މީހުންނެވެ. މި 500 އެއްހާ މީހުންގެ ތެރެއިން ކޮންމެ މީހަކު ވެސް އެމީހުންގެ އާންމު ދިރިއުޅުމުގައި ކޮށް އުޅޭ އެއް ކަމެއް އޮވެ އެވެ. އެއީ، ގަވައިދުން ރޯދަ ހިފުމެވެ. އެހެން ގޮތަކަށް ދަންނަވަނީނަމަ ދުވާލުގެ ގިނަ ވަގުތު ނުކައި ތިބުމެވެ.

މީގެ ސާފު މިސާލެއް ދަންނަވަން ތޯ އެވެ؟ އެމެރިކާގެ އަވަށެއް ކަމުގައިވާ މޮންޓާނާގައި ދިރިއުޅުނު ވޯލްޓާ ބުރޫނިން އަކީ އޭނާގެ ދިރިއުޅުމުގެ ބޮޑުބައެއް ދުޅަހެޔޮ ސިއްހަތެއްގައި ހޭދަކޮށް 114 އަހަރު ދުނިޔޭގައި އުޅުނު މީހެކެވެ. އޭނަގެ ކެއުމުގެ ވައްޓަފާޅިއަށް ދިރާސާގެ ނަޒަރަކުން ބަލާއިރު އޭނަ އަކީ މަދުން ކައިބޮއި އުޅުނު މީހެއްކަން ފާހަގަކުރެވެ އެވެ. މިގޮތުން، އޭނާ ކައި އުޅުނީ ކޮންމެ ދުވަހަކު އެންމެ ދެ ފަހަރުއެވެ. އަދި ކޮންމެ ދުވަހެއްގެ 16 ގަޑިއިރު އޭނާ ހޭދަކުރީ އެއްވެސް އެއްޗެއް ނުކައި ހައިހޫނު ކަންމަތީގައި އެވެ.

ހަމަ ޔަގީނުން ވެސް ރޯދަ ހިފުމަކީ އޭގައި ގިނަގުނަ ފައިދާތަކެއް އެކުލެވޭ ކަމެއްކަން ކަށަވަރެވެ. އެއީ ސިއްހީ ނަޒަރަކުން ބެލިކަމުގައި ވިއަސް މެއެވެ. މިކަމަށް ހެކިދޭ ސައެންސްގެ ތަފާތު ގިނަ ދިރާސާތައް ވެސް އެބަހުއްޓެވެ. ކެއުމުގައި ވަކި މިންގަނޑެއް ބަހައްޓައިގެން ގަވައިދުން ރޯދަ ހިފުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށް މީހާ ބަލިތަކުން ދުރުވެ ހުރުމަށް އެޅޭނެ ފިޔަވަޅު ތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިޔަވަޅެކެވެ. ގިނަ ދިރާސާތަކުން ދައްކާގޮތުގައި ގަވައިދުން ރޯދަ ހިފުމަކީ އޭގެ ސަބަބުން ހަށިގަނޑުގެ ކޮލެސްޓްރޯލްގެ މިންވަރާއި ލޭގެ ޕްރެޝަރު އަދި ހަކުރުގެ މިންގަނޑުތައް އެންމެ އެދެވޭ ވަރުގައި ހިފެހެއްޓުމަށް ބާރުއަޅައިދޭ ކަމެކެވެ.

ހަމަ އެހެންމެ، ގަވައިދުން ރޯދަހިފުމަކީ އިންސާނާ އަށް ކުރިމަތިވާ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުންވެސް މީހާ ދުރުކޮށްދިނުމަށް ބާރު އަޅާ ކަމެކެވެ. އިންސާނުންގެ އިތުރުން ޖަރާސީމާއި ބައެއް ދިރޭ ސޫފާސޫފި ބޭނުންކޮށްގެން ކުރެވުނު އެތަކެއް ތަހުލީލުތަކުންވެސް މިހަގީގަތް ވަރަށް ފުރިހަމައަށް ހާމަވެއެވެ.

އެކަމަކު، ރޯދައިގެ ސިއްހީ ފައިދާ އެންމެ އެދެވޭ ގޮތަށް ހާސިލުކުރުމަށް ކެއިންބުއިމުގެ ވައްޓަފާޅި ބަހައްޓަން ޖެހޭ މުހިއްމު އުސޫލެއް ފާހަގަކޮށްލާނަމެވެ. އެއީ، ކެއިންބުއިމުގައި، ރޯދައަށް ހުންނަ ދުވަހެކޭ އަދި އެހެން ދުވަހެކޭ ތަފާތު ނުކުރުމެވެ. މިސާލަކަށް، ރޯދަ މަހު އަޅުގަނޑުމެން ބައެއް މީހުން ގެންގުޅޭ ނުރަނގަޅު އާދައެއް އޮވެ އެވެ. އެއީ، ރޯދަ މަހު ރޯދަ ވީއްލާ ގަޑީގައި އަދި ރޭގަނޑުގެ އެހެން ގަޑިތަކުގައި ވެސް އާދަޔާހިލާފަށް ގިނައިން ކެއުމެވެ. މީގެ ސަބަބުން ރޯދަމަސް ނިމޭއިރު ބައެއް މީހުންގެ ހަށިގަނޑުގެ ބަރުދަން އިތުރުވެސް ވެއެވެ. އަދި ރޯދަ މަހު ރޭގަނޑު މިގޮތަށް ހަށިގަނޑަށް ނުކަތާ ވަރަށް ގިނައިން ކެއުމާ ބުއިމުން އޭގެ ސަބަބުން ހަށިގަނޑަށް ނުހަނު ގެއްލުން ވެސް ވެ އެވެ.

ނަތީޖާއަކަށް ވެގެން ދަނީ ހަކުރުބަލި ފަދަ ދާއިމީ ފަރުއާއެއް ނެތް ބަލިތަކަށް މަގުފަހި ވެސް ވުމެވެ.

ނޯޓް: މިއީ ޕްރޮފެސަރު ހަސަން އުގައިލްގެ ލިޔުއްވުމެކެވެ.