Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ޅެންވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އައްޑޫގައި

މި އަހަރުގެ ޅެންވެރިންގެ ދުވަސް ހާއްސަކޮށްފައި ވަނީ ހިތަދު އަށް ނިސްބަތްވާ ކުޅަދާނަ ޅެންވެރިޔާ ލަބީބަށް.

މި އަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރަން ބާއްވާ ރަސްމީ ޖަލްސާ މާދަމާ ރޭ އައްޑޫގައި ބާއްވަން ނިންމައިފި އެވެ.

އެ ޖަލްސާ އައްޑޫގައި ބާއްވާ އިރު، މި އަހަރުގެ ޅެންވެރިންގެ ދުވަސް ހާއްސަކޮށްފައި ވަނީ ހިތަދު އަށް ނިސްބަތްވާ ކުޅަދާނަ ޅެންވެރިޔާ ހަސަން ލަބީބަަށެވެ.

އޭނަ އަކީ ޅެންވެރިކަމާއި އަދަބީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައި މިހާރު ވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން ޅެންވެރިކަމުގެ ކްލާސްތައް ހިންގެވުމާއި، "ޝާޢިރުންގެ ވާދީ" ގެ ނަމުގައި ޖަމިއްޔާއެއް އުފައްދަވައި ޖަމިއްޔާ މެދުވެރިކޮށް މިހާރު ވެސް އަންނަނީ އެ ދާއިރާ އަށް ހިދުމަތްކޮށް ދެއްވަމުންނެވެ.

"ޅެންވެރިންގެ ބަހާރު" ގެ އެއް މުޝީރަކީ ވެސް ލަބީބެވެ.

އޭނަ އަށް 2021 ގައި ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ވެސް ލިބިވަޑައިގެންފައިވެ އެވެ.

ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން 1960 އިން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވާ ލަބީބު ހައްދަވައިފައިވާ ގިނަ ޅެންތަކަކީ،އެކިއެކި މުނާސަބަތުތަކަށް ހާއްސަކޮށްގެން ހައްދަވާފައިވާ ޅެންތަކެވެ.

ލަބީބު ޅެން ހައްދަވަން ފެއްޓެވީ އުމުރުން އެންމެ 15 އަހަރުގަ އެވެ.

އައްޑޫގައި މާދަމާ ރޭ ބާއްވާ ޅެންވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރުން އެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޅެންވެރިކަމުގެ ފަންނު ކުރިއެރުވުމަށާއި، ޅެންވެރީންގެ މެދުގައި މަޢުލޫމާތު ބަދަލު ކުރުމަށް "ޅެންވެރީންގެ ގުންޒަރު" ގެ ނަމުގައި ޚާއްޞަ ހަރަކާތެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.

މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ދިވެހި ބަހާ ބެހޭ މިނިސްޓަރު އާދަމް ނަސީރު ރޭ އައްޑު އަށް ވަޑައިގެންފައިވެ އެވެ. އޭނައާ އެކު އެ މިނިސްޓްރީގެ މުޝީރު ނިޝަން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތުގެވެރިޔާ އުތީމު އާދަމް ޢަބްދުއްރަޙުމާނާއި، ވުޒާރާގެ ބައެއް އިސް މަސްއޫލުވެރީން ބައިވެރިވެވަޑައިގެންފައިވެ އެވެ.

ޅެންވެރިންގެ ދުވަސް ފާހަގަ ކުރަން ދިވެހި ބަހުގެ އެކަޑަމީން އިންތިޒާމުކުރާ ރަސްމިއްޔާތަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޙަސަން ޝާކިރު މުޙައްމަދާއި އެކަޑެމީގެ ނައިބު ރައީސާއި ގިނަ ޅެންވެރީންނެއް ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެ އެވެ.