ބޮލީވުޑްގެ ތަރި، އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާންގެ ހަތަރު ވަނަ ފިލްމު މަޝްހޫރު ބަތަލާ ތަމަންނާ ބާޓިއާއާ އެކު ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
މީޑިއާތަކުން ބުނީ މި ފިލްމަކީ މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރްގެ ބަލާޖީ އަށް ޝަޝަންކާ ގޯޝް ޑައިރެކްޓްކުރަން ހަމަޖެހިފައިވާ 'ރާގިނީ 3' ކަމަށެވެ. ޝަޝަންކާ އަކީ އެކްތާ ކުރިން ގެނެސްދިން ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ 2018 ގެ 'ވީރޭ ދީ ވެޑިން' ގެ ވެސް ޑައިރެކްޓަރެވެ.
އޭނަ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ ކާތިކް އާރިއަންގެ 2022 ގެ ސައިކޮލޮޖިކަލް ތުރިލާ 'ފްރެޑީ' އެވެ.
މީޑިއާތަކުން ބުނީ ބިރުވެރި ހާދިސާތަކެއް ދައްކުވައި ދޭނެ 'ރާގިނީ 3' ގެ ޝޫޓިން ފެށުމަށް މިހާރު ތައްޔާރީތައްވަމުން އަންނަ ކަމަށެވެ. މިއަށް ތަމަންނާ ނެގި އިރު، އޭނަ މިހާރު ވެސް އަންނަނީ އެކްތާ ޕްރޮޑިއުސްކުރާ އެހެން ޕްރޮޖެކްޓެއްގައި މަަސައްކަތް ކުރަމުންނެވެ. އެއީ ސިދާތު މަލްއުތުރާ ބަތަލުގެ ރޯލު ކުޅޭ ބިރުވެރި ފިލްމު 'ވަން' އެވެ.

އޭ-ލިސްޓް ބަތަލާއަކާ އެކު ފިލްމެއްގެ މަސައްކަތް ކުރަން ޖުނައިދަށް ލިބުނު އިރު، އޭނަގެ ތިން ވަނަ ފިލްމު 'އޭކް ދިން' އަންނަ މެއި 1 ގައި ސިނަމާތަކަށް ގެންނާނެ އެވެ. ބައްޕަ އާމިރު ޕްރޮޑިއުސްކޮށްފައިވާ މި ލޯބީގެ ފިލްމުގެ މި ބަތަލާ އަކީ ދެކުނުގެ ބަތަލާއެއް ކަމަށްވާ ސައީ ޕައްލަވީ އެވެ.
ޖުނައިދުގެ ފުރަތަމަ ފިލްމަކީ 2024 ގެ ޕީރިއަޑް ފިލްމު 'މަހާރާޖް' އެވެ. ސިދާތު ޕީ މަލްއުތުރާ ޑައިރެކްޓްކުރި ފިލްމުގެ ބަތަލާއިންނަކީ ޝަރްވާރީ ވާގް އާއި ޝާލިނީ ޕާންޑޭ އެވެ. ޖުނައިދުގެ ދެވަނަ ފިލްމަކީ މިދިޔަ އަހަރުގެ 'ލަވްޔާޕާ' އެވެ. އަދުވައިތު ޗަންދަން ޑައިރެކްޓްކުރި އެ ފިލްމުގެ ބަތަލާ އަކީ ހުޝީ ކަޕޫރެވެ.