ބަންގްލަދޭޝްގެ އާންމު އިންތިހާބު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ކާމިޔާބުކުރުމާ ގުޅިގެން އެ ގައުމުގެ އާ ބޮޑުވަޒީރަކަށް ތާރިގް ރަހްމާން ވަޑައިގަތުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.
އޭނަ އަކީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި އަވަހާރަވި ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިއާގެ ދަރިކަލެކެވެ. ދެ ދައުރަކަށް ބޮޑުވަޒީރުކަން ކުރެއްވި ހާލިދާ އަކީ ބަންގްލަދޭޝްގައި ބޮޑުވަޒީރުކަން ކުރެއްވި ފުރަތަމަ އަންހެން ބޭފުޅާ އެވެ. އަދި އޭނަގެ ބިއެންޕީ އަކީ ބަންގްދޭޝްގެ ވަރަށް ނުފޫޒު ގަދަ ސިޔާސީ ލީޑަރެކެވެ.
ތާރިގް ބައްޕާފުޅަކީ ބަންގްލަދޭޝްގައި 1977-1981 އަށް ރައީސްކަން ކުރެއްވި ޒިއާއުއްރަހްމާނެވެ.
އަމިއްލަ އަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި ދިރިއުޅެމުން ގެންދަވާތާ 17 އަހަރު ފަހުން ތާރިގް، 60، އެނބުރި ބަންގްލަދޭޝް އަށް ވަޑައިގަތީ ޑިސެންބަރު 25 ގަ އެވެ. މަންމާފުޅު އާލާސްކަންފުޅާ ހޮސްޕިޓަލްގައި އެޑްމިޓް ކުރައްވާފައި އޮންނަވަނިކޮށް ތާރިގް އޭނަގެ އެނބުރިވަޑައިގަތް އިރު، ހާލިދާ އަވަހާރަވީ ޑިސެމްބަރު މަހުގެ 30 ގަ އެވެ.
އޭނަ ލީޑަރަކަށް ހުންނެވި ބީއެންޕީން، އިއްޔެ ބޭއްވި އާންމު އިންތިހާބުގައި ހޯދި ބޮޑު ކާމިޔާބީއާ އެކު، ދެން ބަންގްލަދޭޝްގެ ބޮޑުވަޒީރުކަން ކުރައްވާނީ ތާރިގް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޕާޓީން ހޯދި ކާމިޔާބީއާ ގުޅިގެން އޭނަ މިއަދު ސަޕޯޓަރުންނާ ވެސް ބައްދަލު ކުރައްވަމުން ގެންދަވާ އިރު، ބީއެންޕީން އަންނަނީ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ލިބުމާ ގުޅިގެން އެކަމުގެ އުފާފާޅު ކުރަމުންނެވެ.
ބަންގްލަދޭޝްގައި އިއްޔެ ބޭއްވި އިންތިހާބު ބޭއްވި އިރު ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ ވެރިކަން ވައްޓާލަން ކުރިއަށް ގެންދިޔަ މުޒާހަރާއާ ގުޅިގެން އެ އަހަރުގެ އޮގަސްޓް 5، 2024 ގައި އިސްތިއުފާ ދެއްވި ފަހުން ގައުމު ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވީ މުހައްމަދު ޔޫނުސް އެވެ.
ހަސީނާ އިސްތިއުފާ ދެއްވައި ފިއްލަވައިގެން އިންޑިއާ އަށް ވަޑައިގެންފައިވާ އިރު، އޭނަގެ ޕާޓީ، އަވާމީ ލީގަށް މި އަހަރުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދީފައެއް ނުވެ އެވެ.