Last Updated: June 8, 09:28
Monday, June 8, 2026
ޚަބަރު

އެއްފަހަރާ ދެ ޑްރެޖަރުން ގިރާވަރުފަޅު ހިއްކުން ކުރިއަށް

މާލޭގެ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް ދެ ޑްރެޖަރު ބޭނުންކުރަން ފަށައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގިރާވަރުފަޅުގެ ބިން ހިއްކުން އެއްފަހަރާ ދެ ޑްރެޖަރާއެކު ކުރިއަށްދާކަން ހާމަކުރައްވާފަ އެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަލުން ފެށީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްއޭސީއެލްއާ އެވެ.

ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ގިރާވަރުފަޅު ހިއްކައި ނިމޭނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައިވެ އެވެ.

ގިރާވަރުފަޅުން ދޫކުރަނީ 1،250 އަކަފޫޓުގެ 2،605 ޕްލޮޓާއި 1،650 އަކަފޫޓުގެ 1،213 ޕްލޮޓާއި 2050 އަކަފޫޓުގެ 253 ޕްލޮޓުގެ އިތުރުން 2،450 އަކަފޫޓުގެ އެއް ޕްލޮޓެވެ.