Last Updated: June 8, 09:28
Monday, June 8, 2026
ޚަބަރު

ރައީސްގެ ދަރިކަލުންނަކީ މޮޅު ޓީޓީ ކުޅުންތެރިއެއް، ސިޔާސީ ނުކުރޭ

މަހުލޫފް، ރައީސް ޑރ. މުޙައްމަދު މުއިއްޒާއެކު - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަކީ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިއެއް ކަމަށާއި ބުރަ މަސައްކަތުން ހޯދާ ކާމިޔާބީތައް ސިޔާސީ ކުރުން ހުއްޓާލުމަށް ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ގޮވާލައްވައިފި އެވެ.

ސްޕޯޓްސް މިނިސްޓްރީން ކޮންމެ އަހަރަކު ބާއްވާ ކުޅިވަރު އެވޯޑުގެ އަހަރުގެ ޒުވާން ކުޅުންތެރިޔާ، ފިރިހެން ކެޓަގަރީއަށް ރައީސްގެ ދަރިކަލުން އުމައިރު ވަނީ ނޮމިނޭޓްވެފަ އެވެ. މި ކެޓަގަރީއަށް އުމައިރު ނޮމިނޭޓްކޮށްފައިވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ފަރާތުން ޓޭބަލްޓެނިސް ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

މި ކެޓެގަރީއަށް އުމައިރު ނޮމިނޭޓްވުމުން ސޯޝަލް މީޑިއާގައި ތަފާތު އެކި ގޮތްގޮތަށް ވާހަކަދައްކަމުންދާއިރު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަހުލޫފް ވިދާޅުވީ އުމައިރު އަކީ މޮޅު ޓީޓީ ކުޅުންތެރިއެއް ކަމަށާއި ޓީޓީ އިން ރަން ވަނަތަކެއް ބައިނަލްއަގުވާމީ އަދި ޤައުމީ ފެންވަރުގައި ހޯދާފައިވާ ހުނަރުވެރި ކުޅުންތެރިއެއް ކަމަށެވެ.

"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަށް ނޮމިނޭޓު ވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލަކަށް ވީތީއެއް ނޫނެވެ. އެންމެ ކުޑައިރުން ފެށިގެން ކުރާ މަސައްކަތުންނެވެ. 2024 ވަނަ އަހަރު ހޯދި ކާމިޔާބީގެ ނަތީޖާއެވެ،" މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ އުމައިރު އަކީ އެމްޑީޕީގެ ވެރިކަމުގައި އަރުތަ ޕްރޮގްރާމުގައި ހިމެނުނު އެތުލީޓެއް ކަމަށާއި ހަގީގަތް ނުބަލާ ކުދިންގެ މިފަދަ ބުރަ މަސައްކަތުގެ ކާމިޔާބީ ސިޔާސީ ކުރުން ހުއްޓާލުމަށް ވެސް ގޮވާލާފަ އެވެ.