ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ ބޭކާރު ކަމެއް ކަމަށާއި ރަށްތަކުގައި ކަންކަން ކުރެވޭނީ ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބުކޮށްގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ކައުންސިލު އިންތިހާބުގައި މާމިގިނލި ދާއިރާ ފިޔަވައި، އެހެން ހުރިހާ ދާއިރާއަކަށް ވާދަކުރާ ޕީއެންސީގެ ކެނޑިޑޭޓުންނަށް ތާއީދު ކުރަން ޖޭޕީން ވަނީ ނިންމައިފަ އެވެ.
ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ގާސިމް ވިދާޅުވީ ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ތާއީދުކުރަން ނިންމީ އެއްވެސް ސިފައެއްގައި ގައުމަށް ހަމަނުޖެހުމަކާއި ލޮޅުމެއް އަޔަނުދިނުމަށްޓަކާ ކަމަށާއި އެގޮތުން ދަރަނިތައް ހޯދޭނެ މަގުތައް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހޯދޭނީ ރައްޔިތުންގެ އެއްބާރުލުން އޮތްކަން ފުރިހަމައަށް އެމަނިކުފާނަށް ދައްކުވައިދީގެން ކަމަށެވެ.
އެގޮތުން ގައުމުގެ މަސްލަހަތާއި އަމާންކަން ކުރިއަށް ގެންދިޔުމަށް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓުދޭންޖެހޭ ކަމަށާއި އޭގެ ބަދަލުގައި އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ ބޭކާރު ކަމެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
"ކީއްކުރަންތޯ ބޭނުން ނެތް ކަމެއް ކުރަނީ؟ އެއަށް ވުރެ މާ ރަނގަޅުވާނެ މަރުވެފައި އޮތް މަންމަގެ މާހަނަ މައްޗަށް ގޮސް މަޑިއަކަށް ޖެހުނީއްޔާ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވަނީ ޕީއެންސީގެ ކެންޑިޑޭޓުން ފިޔަވައި އެހެން ކެންޑިޑޭޓުންނަށް ވޯޓުދީގެން ކުރިއަށް އޮތް ތިން އަހަރު ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށާއި އިދިކޮޅު ފިކުރުގެ ކައުންސިލްތަކަށް ކަމެއް ކުރެވޭނީ ވެސް ދައުލަތުން ބަޖެޓު ދިނުމުން ކަމަށް ވިދާޅުވެފަ އެވެ.
"ނުދިނަސް ހަމަ ކުރެވޭނެ އެއްކަމެއް ވެސް ނޯންނާނެ. އެހެންވީމަ ރަށުގެ ރައްޔިތުންނަށް، ސިޓީގެ ރައްޔިތުންނަށް ހެޔޮކަން ކޮށްދޭން ބޭނުމިއްޔާ ޕީއެންސީގެ މެމްބަރުން ހޮވީމާ ދެން ކަންތައް ވާނީ،" ގާސިމް ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އޭޕްރީލް 4 ވަނަ ދުވަހު އެވެ.