Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

މޫނަކަށް ކަނދުރާއަކަށް ނުބަލައި ގާނޫނު އަސާސީ އިސްލާހުކުރަން ޖެހޭ

ރައީސް މުއިއްޒާއި ގާސިމް އިބްރާހިމް - ފޮޓޯ: ރައީސް އޮފީސް

މޫނަކަށް ކަނދުރާއަކަށް ނުބަލައި ގާނޫނު އަސާސީ އިސްލާހުކުރަންޖެހޭ ކަމަށް ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބުކޮށްގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ގާސިމް ވިދާޅުވީ ވޭތުވެދިޔަ ތިން ސަރުކާރުން ވެސް ކަންކަން ކުރި ގޮތުން ރައްޔިތުން މަޖިލިސް ބޭނުންވާކަން އެނގޭ ކަމަށާއި ކަންކަން ކުރެވޭނީ ސަރުކާރަށް މަޖިލިސް ލިބިގެން ކަމަށެވެ. އަދި އެއީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް އެކަން ވެފައި އޮތް ގޮތް ކަމަށާއި ގާނޫނު އަސާސީއަށް ބޮޑެތި އިސްލާހުތަކެއް އަންނަންޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ފުރުސަތުގެ ބޭނުން ހިއްޕަވައިގެން އެކަން ކުރައްވަންޖެހޭ ކަމަށާއި މޫނަކަށް ކަނދުރާކަށް ބެލުމެއް ނެތި ގާނޫނު އަސާސީ އިސްލާހުކުރެއްވުމަށް ގާސިމް ގޮވާލެއްވި އެވެ.

"މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި އެކަން ކުރައްވާށޭ އަޅުގަނޑުމެން މި ދަންނަވަނީ. ހަޅޭލެވިޔަ ނުދައްވާށޭ ހިމާރު ފެލޭހެން. ދޮގު ވާހަކަތައް ދައްކައި، ނޫސްތަކާއި އެއްޗެހިން ބޭނުންހާ ވާހަކައެއް ލިޔެ، މީހުންގެ އޮރިޔާން ބާލާކަށް ޖާގަ ދެއްވައިގެން ނުވާނެ. އެއީ މަދަނީ ކުށެއް ނޫނޭ. އެއީ މާތްﷲ އާއި ކީރިތި ރަސޫލާ ކަނޑައަޅުއްވާފައިވާ ކަނޑައެޅިގެން ޖިނާއީ ބޮޑު ކުށެކޭ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވަނީ ރައީސް މުއިއްޒު މިއަދު އެކަން ނުކުރައްވައިފިނަމަ މާދަމާ އެކަން ނުކުރެވޭނެ ކަމަށާއި ދެން ރައްޔިތުންނަށް ލިބިގެންދާނީ އެއަށް ވުރެ ބޮޑު ނިކަމެތިކަމެއް ކަމަށްވެސް ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ދާދިފަހުން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މި ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ބާއްވަން އަންނަނީ މަސައްކަތް ކުރަމުންނެވެ.