Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

ދިވެހި ސްކްރެބްލް ގޭމެއް ތައްޔާރުކޮށް ނެރެފި

އައްޑޫ ސިޓީ ހިރާ ސްކޫލްގެ ފަރާތުން ދިވެހި ސްކްރެބްލް ގޭމެއް ތައްޔާރުކޮށް ބާޒާރަށް ނެރެފި އެވެ.

މި ސްކްރެބްލް ގޭމަށް ދީފައިވާ ނަމަކީ "ބަސްވާރު" އެވެ. މި ގޭމް ނެރެދެއްވީ ދިވެހި ބަހުގެ އެކެޑަމީގެ ފޮތް މައުރަޒުގެ ތެރެއިން ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އެވެ.

ހިރާ ސްކޫލް ހިންގާ ހިރާ ފައުންޑޭޝަންގައި އިސްކޮށް މަސައްކަތް ކުރައްވާ ޝެއިޚް މުޙައްމަދު އަނީލް ވިދާޅުވީ 2022 ވަނަ އަހަރުގެ ދުނިޔޭގެ ޢަރަބި ބަހުގެ މުނާސަބަތުގައި ސައުދީ އެމްބަސީގެ ފަރާތުން މާލޭގައި ބޭއްވި އިވެންޓެއްގައި މުޅިން އަލަށް ޢަރަބި ބަހުގެ ސްކްރެބްލް ގޭމެއް ފެނުނު ކަމަށާއި އެ ވަގުތު މިކަހަލަ ގޭމެއް ދިވެހިބަހުން އޮންނަން ޖެހޭކަމުގެ ފިކުރު ހިތުގައި އުފެދުނު ކަމަށެވެ.

އެގޮތުން އަސްރަފީ ބުކްޝޮޕުން އާދައިގެ ސްކްރެބްލް ގޭމެއް ގަނެ އެ ބޭނުން ކޮށްގެން ދިވެހި ގޭމެއްގެ "ޕްރޮޓޯޓައިޕް" ހެދި ކަމަށާއި އޭގެ 3 އަހަރު ފަހުން ހިރާ ސްކޫލުގެ ފަރާތުން ދިވެހި ސްކްރެބްލް ގޭމެއް ނެރެފައިވާ ކަމަށް އަނީލް ވިދާޅުވި އެވެ.

"އެތައް ބައެއްގެ އެހީތެރިކަމާއި ދެއްވި ހިތްވަރާއި، ދެއްވި މަޝްވަރާއާއި ލަފާ ޝުކުރުވެރިކަމާއެކު ފާހަގަކުރަމުން މިއަދު މި "ބަސްވާރު" ބާޒާރަށް ނެރެގެން ދިޔުން އުފަލާއެކީ ފާހަގަ ކުރަން،" އަނީލް ވިދާޅުވި އެވެ.

އަނީލް ވަނީ ދިވެހި ބަހުގެ އެކެޑަމީގެ ފޮތް މައުރަޒުގައި "ބަސްވާރު" ނެރުމަށް އިސްވެ ޚިޔާލު ދެއްވައި ފުރުސަތު ދެއްވި ކަމަށްޓަކައި ބަހުގެ އެކެޑަމީގެ ރައީސް ޙަސަން ޝާކިރު މުހައްމަދަށް ޝުކުރު ދަންނަވާފަ އެވެ.

ދިވެހި ސްކްރެބަލް ގޭމް "ބަސްވާރު" ގެ ހޯލް ސޭލް އަދި ރީޓެއިލް ޕާޓްނަރަކީ އަސްރަފީ އައްޑޫ އެވެ.