Last Updated: June 5, 19:20
Friday, June 5, 2026
ރިޕޯޓް

ރަމަޟާން މަހު ފަރުވާތެރިވާން ޖެހޭ 5 ކަމެއް!

ރަމަޟާން މަހުގައި ވަކިން ހާއްސަކޮށް ފަސް ކަމަކަށް ސަމާލުކަން ދޭން ޖެހެ އެވެ.

ބަރަކާތްތެރި ރަމަޟާން މަހަކީ އިލާހީ ރަޙުމަތް އިންތިހާއަށް ތަނަވަސްވެގެންވާ މާތް މައްސަރެކެވެ. މިފަދަ ހެޔޮކަމުގެ މޫސުމެއް ﷲ ސުބުހާނޫ ވަތަޢާލާ މިންވަރުކުރެއްވުމުން އެ މަހުގެ ބޭނުން ހެޔޮގޮތުގައި ހިފައި ހެޔޮ ޢަމަލުކުރުމުގައި އެކަކު އަނެކަކާ ވާދަކޮށް ކުރިއަރައިދާން މަސައްކަތް ކުރަންޖެހެ އެވެ. މިމާތް މައްސަރުގެ ރަޙުމަތާއި، މަޣްފިރަތާއި ނަރަކައިން ދިންނެވުން ލިބިގަތުމަށްޓަކައި ފުރިހަމަ ތައުބާއަކުން ތައުބާވުމަށް އަވަސްވެގަންނަމާ ހިނގާށެވެ!

ދެވަނަ ކަމަކަށް ކުރަން ޖެހޭ ކަމަކީ މި މައްސަރުގައި މިއުއްމަތުގެ މައްޗަށް ފަރުޟު ކުރައްވައިފައިވާ ރޯދަ ހިފުމެވެ. ރޯދަ ފަރުޟު ކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކީ އަޅުގަނޑުމެންގެ ކިބައިގައި ތަޤުވާގެ މާތް ސިފަ އަށަގެންނެވުމެވެ.

ތިންވަނަ އަށް ކުރަންޖެހޭ ކަމަކީ ކީރިތި ޤުރުއާން ކިޔެވުމުގައި ވީހާ ވެސް ގިނަ ވަގުތު ހޭދަ ކުރެވޭތޯ ބެލުމެވެ. މި މައްސަރު މާތް ކުރެވުނު އެއް ސަބަބު ކަމުގައި ވަނީ ކީރިތި ޤުރުއާން މި މައްސަރުގައި ބާވައިލެއްވުމެވެ.

ހަތަރު ވަނަ އަށް ކުރަންޖެހޭ ކަމަކީ ތަރާވީޙު ނަމާދު ޖަމާޢަތުގައި އަދާކުރުމަށް މަސައްކަތް ކުރުމެވެ. ރޯދަ މަހުގެ ރޭތައް އަޅުކަމުގައި ހޭދަ ކުރުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ދެ ރަކުޢަތުން ދެ ރަކުޢަތުން ރޭ އަޅުކަން ކުރުމަށް ސުންނަތުން ސާބިތުވެފައިވެ އެވެ. އެގޮތުން ޖަމާޢަތުގައި ކުރެވޭ ރޭއަޅުކަމުގެ ތެރޭގައި ތަރާވީޙު ނަމާދު ހިމެނެ އެވެ. އަދި އިމާމާ ނިމެންދެން އެ އަޅުކަމުގައި މަޑުކޮށްފި ނަމަ މުޅިރޭ އަޅުކަން ކުރުމުގެ ސަވާބާއި ދަރުމަ ލިބެއެވެ.

ފަސްވަނަ އަށް ކުރަން ޖެހޭ ކަމަކީ ދުޢާކުރުމެވެ. ދުޢާ އަކީ މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރެވެ. އަސްލު އަޅުކަމަކީ ދުޢާ ކުރުމެވެ. ދުޢާ ކުރުމަކީ އަސްލު އަޅުކަމެވެ؛ “އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާ ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަ ކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (ދުޢާކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު، އެއުރެން ނަރަކަޔަށް ވަންނާނެތެވެ.”

ހަމަމިއާ އެކު ރޯދަ މަހު ސަދަގާތް އިތުރުކޮށް، ނިކަމެތި ފަގީރުންނަށް ވެވުނު މިންވަރަކުން އެހީވުމަކީ މާތް ﷲ އެތައް ސަވާބަކާއި ދަރުމައެއް ދެއްވާނެ ކަމެކެވެ.

މަސްދަރު: އިލްމު.އެމްވީ