ފިލްމީ ދާއިރާ އަށް ނުކުތް އިރު ވެސް މެޑިސިން ކިޔަވަމުން އައި އިންޑިއާގެ ބަތަލާ ސްރީލީލާ އެމްބީބީއެސް ޑިގްރީ ހާސިލުކޮށްފި އެވެ.
މެޑިކަލް ޑޮކްޓަރުން ތިބޭ އާއިލާއަކަށް ނިސްބަތްވާ 24 އަހަރުގެ ބަތަލާ އަކީ އިންޑިއާގެ ދެކުނުގެ ފިލްމުތަކުން މަޝްހޫރުވި ބަތަލާއެކެވެ. ސްރީލީލާގެ މަންމަ ސުވްރަނާލަތާ އަކީ އަންހެނުންގެ ހާއްސަ ޑޮކްޓަރެކެވެ.
މެޑިކަލް ޑޮކްޓަރަކަށް ގްރެޖްއޭޓްވުމާ ގުޅިގެން އެ ކާމިޔާބީގެ ވާހަކަ ސްރީލީލާ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ. ޑރ. ސްރީލީލާގެ ނަމުގައި އާންމުކުރި ޕޯސްޓްގައި ބުނީ މިއާ ހަމައެކަނި ޑިގްރީއެއް ނޫން ކަމަށާއި މިއީ ކުރިއަށް ދާން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.
މިހާރު ބޮލީވުޑުން ވެސް ފުރުސަތު ލިބެމުން އަންނަ ސްރީލީލާ އަންނަނީ ޑައިރެކްޓަރު އަނޫރާގް ބާސޫގެ ފިލްމެއްގައި މަޝްހޫރު އެކްޓަރު ކާތިކް އާރިއަނާ އެކު ވެސް މަސައްކަތް ކުރަމުންނެވެ. ކުރިން މިދިޔަ އަހަރު ރިލީޒްކުރާ ގޮތަށް އޮތް ފިލްމުގެ ނަމާއި ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ޗައިލް އާޓިސްޓެއްގެ ގޮތުގައި ފިލްމީ ދާއިރާ އަށް ނުކުތް އުންމީދީ ބަތަލާ މިހާތަނަށް ތެލެގޫ، ތަމަޅަ އަދި ކަންނާޑާ ފިލްމުތަކެއް ކުޅެފައިވެ އެވެ. ސްރީލީލާގެ ތިން ފިލްމެއް މިދިޔަ އަހަރު ރިލީޒްވި އެވެ. އެއީ ތެލެގޫ ފިލްމުތައް ކަމަށްވާ 'ރޮބިންހުޑް' އާއި 'ޖޫނިއާ' އަދި 'މާސް ޖަތާރާ' އެވެ.
މި އަހަރު ރިލީޒްވި އޭނަގެ ފުރަތަމަ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި ތަމަޅަ ފިލްމު 'ޕަރަސަކްތީ' އެވެ.