Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ފަރީދުގެ ހަނދާނުގައި ހުޅުމާލޭގައި މިސްކިތެއް

މިދިޔަ އަހަރު އަވަހާރަވި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝެއިޚް އިބްރާހިމް ފަރީދުގެ ހަނދާނުގައި ހުޅުމާލޭގައި ބިނާ ކުރަން ނިންމާފައިވާ މިސްކިތަށް އެހީވާން ބޭނުންވާ ފަރާތްތަކަށް ހިދުމަތް ޖަމިއްޔާ އިން އެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ މިސްކިތް އަޅަން ނިންމާފައި ވަނީ ހުޅުމާލެ ތިންވަނަ ފިޔަވަހީގައެވެ. އެއީ، 2،500 މީހުންގެ ޖާގައާ އެކު ދެ ބުރިއަށެވެ.

ޚިދުމަތް ޖަމިއްޔާއިން ބުނީ، މިސްކިތުގެ އެތެރެ ފަރުމާ ކުރާނީ މަލްޓި ޕާޕަސް ހޯލެއް ހިމެނޭ ގޮތަށް ދީނީ އެކި ހަރަކާތްތައް ކުރިއަށް ގެންދެވޭ ގޮތަށް ކަމަށެވެ. އޭގެތެރޭގައި ޤުރުއާން ކުލާސްތަކާއި ޙިފްޒު ކްލާސްތަކާއި ދީނީ ސެމިނާތަކާއި މުހިންމު ބައްދަލުވުންތަކާއި ޤުރުއާން މުބާރާތްތަކާއި މަދަޙަ މުބާރާތްތައް ބޭއްވޭނެ ފަދަ އިންތިޒާމުތައް ހިމެނެއެވެ.

މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އިސްލާމިކް މިނިސްޓްރީއާއެކު، އެ ޖަމިއްޔާއިން އެމްއޯޔޫގައި ސޮއިކުރުމަށް ގާތްވެފައިވާ ކަމަށް ވެސް ޚިދުމަތް ޖަމިއްޔާއިން ބުންޏެވެ.

އެހެންވެ، އެ މިސްކިތުގެ މަސައްކަތް ނިންމުމަށްޓަކައި، ދީނަށް ލޯބިކުރާ އެންމެހާ ދިވެހި ރައްޔިތުންނަށް ޚިދުމަތް ޖަމިއްޔާގެ "މިސްކިތު ފަންޑު" ގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފަ އެވެ. ފައިސާ ޓްރާންސްފާ ކުރަން ޖެހެނީ އެކައުންޓް ނަމްބަރު: 7770000141496 އަށެވެ.

ފަރީދު ކުއްލި ގޮތަކަށް މިދިޔަ އަހަރު މެލޭޝިއާގައި އަވަހާރަވީ ޖޫން 9 ގަ އެވެ. އެއީ އެ ގައުމަށް ވަޑައިގަތްތަނާ ހާޓްއެޓޭކެއް ޖެހިގެންނެވެ.

ޝެއިހް ފަރީދުގެ ހަނދާނުގައި ހުޅުމާލޭގައި މިސްކިތެއް ބިނާކުރަން ތައްޔާރީތައްވަމުން އަންނަ އިރު، އެންމެ ފުރަތަމަ ނިންމީ ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމަށެވެ. އަދި އެތަނުގެ ބިންގާ މިދިޔަ އަހަރުގެ ޖޫން މަހުގެ ފަހުކޮޅު އެޅި އެވެ.