އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ ސުރްބީ ޖޯތީ ބަލިވެއިންކަން އިއުލާންކޮށްފި އެވެ.
އޭނަ އާއި ފިރިމީހާ ސުމިތު ސޫރީގެ އިންސްޓަގްރާމްގައި އާންމުކުރި ޕޯސްޓެއްގައި ބުނީ ކުރިއަށް އޮތް ވަރުގަދަ ދަތުރު ފެށުނީ ކަމަށާއި ދަރިފުޅު އުފަން ވާނީ ޖޫން މަހުގެ ތެރޭގައި ކަމަށެވެ.
ސުރްބީ އާއި ސުމިތު ކައިވެނިކުރީ 2024 ގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
މި ދެ މީހުންނަކީ ވެސް އެކްޓަރުންނެވެ. ބައެއް ފިލްމުތަކުގައި ސަޕޯޓިން ރޯލުތަކެއް ކުޅެފައިވާ ސުރްބީ، 37، ގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ސިލްސިލާ އަކީ ޒީޓީވީން 2012-2016 އަށް ގެނެސްދިން "ގުބޫލް ހޭ" އެވެ. އޭގެ ބަތަލަކީ ބޮލީވުޑްގެ ކުރީގެ ބަތަލާ ބިޕާޝާ ބާސޫގެ ފިރިމީހާ ކަރަން ސިންގް ގްރޯވާ އެވެ.
ސުރްބީ ކުޅެފައިވާ އިތުރު ސިލްސިލާތަކުގެ ތެރޭގައި "އިޝްގްބާޒް" އަދި "ނާގިން" ގެ ތިން ވަނަ ސީޒަން ފާހަގަކޮށްލެވެ އެވެ.