Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

މަރަދޫފޭދޫގައި އައިޔޫއެމްގެ ކެމްޕަހެއް ހުޅުވައިފި

އައްޑޫ މަރަދޫފޭދޫގައި އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ ކެމްޕަހެއް ހުޅުވައިފި އެވެ.

ކުރިން މަރަދޫފޭދޫ ސްކޫލް ހިންގި އިމާރާތުގައި ގާއިމުރި ކެމްޕަސް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އެތަން ހުޅުވައި ދެއްވީ
އައިޔޫއެމްގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރެވެ.

ކެމްޕަސް ހުޅުވުމުގެ ރަސްމިއްޔާތިގައި އޭނަ ވިދާޅުވީ، އަމިއްލަ ފަސްގަނޑުގައި ތިބެގެން ޕީއެޗްޑީއާ ހަމައަށް ތަޢުލީމު އުނގެނުމުގެ ފުރުޞަތު ފަހިވުމަކީ އައްޑޫގެ ރައްޔިތުންނަށް ލިބުނު ރަނުގެ ފުރުޞަތެއް ކަމަށެވެ. އަދި ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ޔުނިވަސިޓީން ހޯދާފައިވާ ކުރިއެރުންތަކަކީ ސަރުކާރުން އެ މުއައްސަސާއަށް ދެއްވާ ޚާއްޞަ ސަމާލުކަމުގެ ނަތީޖާ ކަމަށް ވިދާލުވި އެވެ. އޭނާ ފާހަގަކުރެއްވިއެވެ.

މަރަދޫފޭދޫގައި ހުޅުވި އައިޔޫއެމްގެ ކެމްޕަހާ ގުޅޭ ގޮތުން ޑެޕިއުޓީ ވައިސް ޗާންސެލަރު އަޙްމަދު އަމީން މުޙައްމަދު ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ޒަމާނީ ވަޞީލަތްތަކާއެކު ކްލާސްރޫމްތަކާއި ލައިބްރަރީ އާއި ސެމިނަ ހޯލް، އަދި ދަރިވަރުންގެ ދަނާލެއްގެ އިތުރުން ސްޓާފް އެކޮމޮޑޭޝަން ވެސް ޤާއިމު ކުރެވޭނެ ކަމަށެވެ. އަދި ސްކޫލްގެ ހޯލް މަރާމާތުކޮށް ރައްޔިތުންނަށް ބޭނުން ކުރެވޭނެ ގޮތަށް ހަދަން ވެސް ވަނީ ނިންމައިފަ އެވެ.

އައިޔޫއެމްގެ މަރަދޫފޭދޫ ކެމްޕަހުގެ ކިޔެވުން ފެށީ މާސްޓަރސް ޑިގްރީގެ ކޯހެއް ހިމެނޭހެން ޖުމްލަ ހަތަރު ކޯހަކާއެކުގަ އެވެ. ކުރިއަށް އޮތް ހަފުތާއާ ހަމައަށް ލޭޓް އެޕްލިކޭޝަން ހުޅުވާލާފައިވާތީ، މި ސެމިސްޓަރގައި އިތުރު ކޯސްތައް ފެށުމުގެ ފުރުޞަތު އޮތް ކަމަށް އައިޔޫއެމުން ބުންޏެވެ.

އައްޑޫ ހިތަދޫގައި ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) ކެމްޕަހެއް ވެސް ހިންގަ އެވެ.