Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

ގަމާއި ކޮލޮމްބޯ ދަތުރު އިތުރު ކުރަނީ

އައްޑޫ ގަމަށް ސްރީ ލަންކަން އެއާލައިންސް އިން ކުރަމުން އަންނަ ދަތުރުތައް އަނެއްކާ ވެސް އިތުރު ކުރަން ނިންމައިފި އެވެ.

އެ އެއާލައިމްގެ ރާއްޖޭގެ އޭޖެންޓް، އޭސް ޓްރެވެލްސް އިން ބުނީ މިހާރު ބާއްވަމުން އަންނަ ދެ ދަތުރުގެ ބަދަލުގައި އަންނަ އެޕްރީލް މަހުގެ 2 އިން ފެށިގެން ތިން ދަތުރު ކުރަން ހަމަޖެހިފައިވާ ކަމަށެވެ. ގަމާއި ކޮލޮމްބޯއާ ދެމެދު މިހާރު ދަތުރުތައް ބާއްވަމުން އަންނަނީ އަންގާރަ އާއި ބުރާސްފަތީގަ އެވެ.

ނަމަވެސް އެޕްރީލް 2 އިން ފެށިގެން ކޮންމެ ހޮނިހިރު ދުވަހަކު ވެސް ދަތުރެއް އޮންނާނެ އެވެ.

ގަމާއި ކޮލޮމްބޯއާ ދެމެދު ކުރާ ދަތުރުތައް އިތުރު ކުރަން ނިންމުމާ ގުޅިގެން ބުރާސްފަތީގެ ދަތުރުތަކަށް ވަނީ ހާއްސަ ފެއާ ވެސް ހަމަޖައްސާފައިވެ އެވެ. އެއީ އެއްކޮޅު ދަތުރެއް 245 ޑޮލަރަށް އަދި ދެކޮޅު ނަމަ 340 ޑޮލަރެވެ.

އޭސް ޓްރެވެލްސްގެ ވެރިޔާ މުހައްމަދު ފިރާގް ވިދާޅުވީ ގަމަށް ކުރާ ދަތުރުތައް އިތުރުވުމަކީ ފުވައްމުލަކާއި ހުވަދު އަތޮޅަށް ވެސް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށެވެ.

ސްރީ ލަންކަން އެއާލައިންސަކީ ގަން އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ބާއްވާ ހަމައެކަނި އެއާލައިންނެވެ. އެ ހިދުމަތް ދެމުން އަންނަނީ 2016 އިން ފެށިގެންނެވެ.