ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ބުނެ ރަޝިއާގައި ޔޫޓިއުބް ވެސް މަނާކޮށްފި އެވެ.
މިދިޔަ ހަފުތާގައި އެގައުމުން ވަނީ މެޓަ އިން ހިންގާ ވަޓްސްއެޕް ވެސް މަނާކޮށްފަ އެވެ. މިކަމާ ގުޅިގެން ފޭސްބުކާއި އިންސްޓަގްރާމް ވެސް ހިންގާ ކުންފުނިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ރަޝިއާ އިން އަންނަނީ ސޯޝަލް މީޑިއާ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރަމުންނެވެ. އެގޮތުން އެ ގައުމުގައި ވަރަށް މަގުބޫލު އެހެން ޕްލެޓްފޯމެއް ކަމަށްވާ ޓެލެގްރާމް ބޭނުން ކުރުމުގައި ވެސް ހިފަހެއްޓުންތަކެއް ގެންގުޅެމުން ދެ އެވެ.
ރަޝިއާގައި ޔޫޓިއުބް މަނާކުރުމާ ގުޅިގެން އެ ހިންގާ ކުންފުނި ގޫގުލް އިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
މިކަމާ ގުޅިގެން ރަޝިއާގެ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަ އިރު، ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މަނާކުރުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް އަރައިގަތުުން ކަމަށް ބުނެ އެކި ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.