ކައުންސިލް އިިންތިހާބުގައި ވާދަކުރާ އިދިކޮޅު ކެންޑިޑޭޓުންނަށް ވެރިކަން ކުރާ ޕާޓީ، ޕީއެންސީން ނަން އަނބުރާ ނެގުމަށް މަޖުބޫރުކޮށް، އެތަކެއް މިލިއަން ރުފިޔާއެއްގެ ރިޝްވަތުގެ ބޮޑެތި އަދަދުތަކުން ހުށަހަޅަމުން ދަނީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށް ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ މިއީ އިންތިހާ އަސް ކަންބޮޑުވާން ޖެހޭ ކަމެއް ކަ،މަށެވެ.
"ކައުންސިލް އިންތިޚާބާ ދިމާކޮށް، ސަރުކާރު ހިންގާ ޕީއެންސީން މި ވަނީ އިންތިޚާބުތަކުގެ މިނިވަންކަން ގެއްލުވާލުމަށް ނުބައި ރޭވުންތަކެއް ރާވާފައި،" އައްބާސް ވިދާޅުވި އެއެވެ. އިދިކޮޅު ކެންޑިޑޭޓުންގެ ނަން އަނބުރާ ނެގުމަށް މަޖުބޫރުކޮށް، އެތަކެއް މިލިއަން ރުފިޔާއެއްގެ ރިޝްވަތުގެ ބޮޑެތި އަދަދުތަކުން ހުށަހަޅަމުންދާ ކަމުގެ ޚަބަރުތަކަކީ އިންތިހާއަށް ކަންބޮޑުވާން ޖެހޭ ކަމެއް.
މިއީ ސީދާ ރައީސްގެ އިރުޝާދުގެ ދަށުން ހިންގަމުންދާ ބަޣާވާތުގެ އަމަލެއް."
އައްބާސް ވިދާޅުވީ ރައްޔިތުންގެ ބައިތުލްމާލުން ވައްކަންކޮށް، އެ ފައިސާއިން ސިޔާސީ ނުފޫޒު ފޯރުވުމަށް ކުރާ މަސައްކަތަކީ ފިރުޢައުނު ފަދަ ޚުދުމުޚުތާރު ވެރިންނާއި، ޔަމަނުގެ ފަސާދަވެފައިވާ ވެރިކަންތަކުން ފެނިގެންދާ ފަދަ ހަޑިމުޑުދާރު އަމަލުތަކެއް ކަމަށެވެ.
"ދިވެހި ލޮބުވެތި ރައްޔިތުންނޭ މި ގައުމު ރިޝްވަތުގެ ވަބާއިން ސަލާމަތް ކުރަން އެބަޖެހޭ. އެވެ. ވަގުތީ ވަޒީފާ އަކަށް ނުވަތަ ފައިސާކޮޅަކަށް ތިމާގެ އީމާނާއި، އަބުރާއި، ގައުމުގެ މުސްތަޤުބަލު ނުވިއްކާ،" އޭނަ ވިދާޅުވި އެވެ. "އިޚުލާޞްތެރިކަމާއެކު ގައުމަށް ޚިދުމަތްކުރަން ނުކުމެ ތިބި ކެންޑިޑޭޓުންނަށް ހުރަސް އަޅައި، ޑިމޮކްރަސީގެ ރޫހު ކަތިލުމަށް ކުރާ މި މަސައްކަތާ ދެކޮޅަށް ތެދުވޭ. އަމިއްލަ ނަފުސާއި ޤައުމުގެ މުސްތަޤުބަލު ފައިސާއަށް ނުވިއްކާ."
އެމްޑީޕީން ވެސް ވަނީ އެ ޕާޓީގެ ކެންޑިޑޭޓުން ގަންނަން ޕީއެންސީން ހުށަހަޅުންދާ ކަމަށް ބުނެ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކައުންސިލް އިންތިހާބު އޮންނާނީ އެޕްރީލް 4 ގަ އެވެ.