މިދިޔަ މަހު އޮލިމްޕަހުގައި ދެއްކި ފިލްމު "ލޯބިން" މީޑިއާނެޓުން ސްޓްރީމްކުރަން ފަށައިފި އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް 6 ގައި އޮލިމްޕަހުގައި ޕްރީމިއާކުރި މި ރޮމޭންޓިކް ތުރިލާ އަކީ އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކުރި ފިލްމެކެވެ. "ލޯބިން" ސްޓްރީމިން އަށް ދޫކޮށްލި އިރު، މި ފިލްމު ވަރަށް ގިނަ ރަށްރަށުގައި ވެސް އަޅުވައި އާންމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ.
ހަށިވިއްކުމުގެ ތެރެއަށް ދާން މަޖުބޫރުވާ އަންހެނެއްގެ ވާހަކަ ކިޔައިދިން ފިލްމު ގެ ލީޑް ތަރިންނަކީ އަހުމަދު ޝާރިފާއި ތާތި އާދަމްގެ އިތުރުން އޭނަގެ ފިރިމީހާ އިފްނާޒް ފިރާގެވެ.
"ލޯބިން" އަކީ އިއްލެގެ އައި ފިލްމްސް އާއި އިންޖީނިއަސް ވިޝުއަލް ފެކްޓްރީގެ އިތުރުން ލައިޓް އައުޓް ޕްރޮޑަކްޝަން ގުޅިގެން ގެނެސްދި ފިލްމެކެވެ.
"ބަވަތި" އާއި "ނީލާ" ފަދަ މަގުބޫލު ފިލްމުތައް ވެސް ގެނެސްދިން އިއްލެ މިހާރު އަންނަނީ "ޕާޓީ" ކިޔާ ފިލްމެއް ހަދަމުންނެވެ. އެކަމަކު އެއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.