ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެނާ ބައްދަލު ކުރަނީ އެވެ. ﷲ ވަނީ މި މައްސަރުގައި އެންމެހައި މުސްލިމުންގެ މައްޗަށް ރޯދަ ހިފުން ވާޖިބު ކުރައްވައިފައެވެ. ނަމަވެސް ރޯދަ ހިފުމުގެ ޘަވާބާއި ދަރުމަ އެނގޭތޯ އެވެ؟ އޭގެތެރެއިން ބައެއް ކަންކަން ބަޔާންކޮށްލާނަމެވެ.
1. ރޯދައިގެ ޘަވާބު ދެއްވަނީ ޚުދު ﷲ، އަދި ރޯދައިގެ ޘަވާބަކަށް ވަކި ޙައްދެއް ނުވަތަ މިންވަރެއް ނެތް
ޤުދުސީ ހަދީޘްފުޅެއްގައި މާތްﷲ ވަޙީކުރެއްވި ބަސްފުޅުއްގެ މާނައިގައިވެއެވެ: “އާދަމުގެ ދަރިޔާ ކުރާ ހުރިހާ ޢަމަލެއް ނިސްބަތްވަނީ އޭނާއަށެވެ. އެއީ ރޯދަ ފިޔަވައެވެ. އެޢަމަލު ނިސްބަތްވަނީ ތިމަން ﷲ އަށެވެ. އެޢަމަލަށް ޖަޒާދެއްވާނީވެސް ޚުދު ތިމަން ﷲ އެވެ.” (رواه أحمد, البخاري ومسلم)
(މާތް ﷲ އަށް ރޯދައިގެ އަޅުކަން ނިސްބަތްކުރައްވާފައި އެވަނީ މާތްކަމުގެ ގޮތުންނެވެ.)
2. މުސްލިމަކު ރޯދައަށް ހުއްޓާ މަރުވެއްޖެނަމަ އޭނާ ސުވަރުގެ ވަންނާނެ
ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: “އެމީހަކު ރޯދައަށް ހުރި ދުވަހެއްގައި އޭނާގެ ނިމުންވެއްޖެ މީހާ ސުވަރުގެ ވަންނަހުއްޓެވެ.” (رواه أحمد والبزار وصححه الألباني)
3. ﷲ އަށްޓަކައި އިޙްލާސްތެރި ކަމާއެކު ރޯދައެއް ހިފައިފިނަމަ ނަރަކައާ 70 އަހަރުގެ ރާސްތާއަށް އޭނާ ދުރުކުރެވޭ
ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: ” ﷲގެ ވަޖްހުފުޅަށްޓަކައި ރޯދައެއް ހިފައިފިމީހާ ދަންނައެވެ. އޭނާގެ މޫނު ނަރަކައާ ހަތްދިހަ އަހަރުގެ ރާސްތާއަށް މާތްﷲ ދުރުކޮށްދެއްވަވާނެއެވެ.” (رواه أحمد, البخاري, مسلم, الترمذي وابن ماجه)
4. ރޯ ދައަކީ ސުވަރުގެ ވަނުމަށް އޮތް މަގެއް، ރޯދަވެރިންނަށް ޚާއްޞަ ކުރެވިފައިވާ ދޮރުކޮޅެއް އެތަނުގައިވޭ
ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: “ހަމަކަށަވަރުން ސުވަރުގޭގައި “އައް ރައްޔާނު” އޭ ކިޔޭ ދޮރުކޮޅެއް ވެއެވެ. ޤިޔާމަތްދުވަހު ރޯދަވެރިން އެދޮރުކޮޅުން (ސުވަރުގެއަށް) ވަންނާނެތެވެ. އެއުރެންނާއެކު އެއުރެން ފިޔަވައި އެހެންމީހަކު (އެދޮރުކޮޅަކުން) ނުވަންނާނެއެވެ. (އެދުވަހުގައި) ނިދާ އިއްވެވޭނެއެވެ. ރޯދަވެރިން ކޮބައި ހެއްޔެވެ؟ ދެން އެއުރެން އެދޮރުކޮޅުން ވަންނާނެތެވެ. ފަހެ އެއުރެންގެ އެންމެފަހު މީހާ ވަންނަ ހިނދު، އެދޮރުކޮޅު ބަންދުކުރެވޭނެއެވެ. ފަހެ އެހެން އެއްވެސް މީހަކަން އެދޮރުކޮޅަކުން ނުވަދެވޭނެއެވެ.” (رواه أحمد, البخاري, مسلم والنسائي)
5. ރަމަޟާން މަހުގެ ރޯދަ ހިފުމަކީ އިސްވެގޮސްފައިވާ އެންމެހާ ކުދި ފާފަތައް ފުހެވޭ ކަމެއް
ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ: “އީމާންވެހުރެ، ﷲގެ ޙަޟްރަތުން ޘަވާބާއި އަޖުރަށް އެދޭ ޙާލު، ރަމަޟާންމަހުގެ ރޯދަހިފައިފި މީހާ، ދަންނައެވެ. އޭނާގެ އިސްވެދިޔަހާ ކުދިފާފައެއް ފޮހެވިގެންދާނެއެވެ.” (رواه أحمد, البخاري, مسلم وأصحاب السنن)
މި ބަރަކާތްތެރި މައްސަރުގައި އަޅުގަނޑުމެން ރޯދަ ހިފަމުންދާ އިރު ހިތަށް އޭގެ ޘަވާބާއި ދަރުމަ ގެނެސް އެ އަޅުކަން ފުރިހަމަ ކުރަމާ ހިންގަވާށެވެ. އޭރުން އަޅުގަނޑުމެން ހިފާ ރޯދަ މުޅިން ތަފާތު ވެގެންދާނެއެވެ. އަޅުކަމުގައި އިޚްލާސްތެރި ވެވޭލެއް ބޮޑުވާނެ އެވެ. އަޅުކަން އަދާކުރުމުގައި އުފުލާ ތަކްލީފް ބޮޑުކަމަށް އިޙްސާސެއް ނުކުރެވޭނެ އެވެ.
މާތް ﷲ އަޅުގަނޑުމެންގެ ރޯދަ ޤަބޫލު ކުރައްވާ މަތިވެރި ޘަވާބާއި ދަރުމަ ދެއްވާނދޭވެ! އާމީން!
ނޯޓް: މިއީ ޝައިޚް ޖަޢުފަރު މުޙައްމަދު ޢުޘްމާންގެ ލިޔުއްވުމެކެވެ.