މަނީ ލޯންޑެރިންގެ މައްސަލާގައި ހައްޔަރުކޮށްފައި ހުރި ހާމިދު އިސްމާއިލް (ހާމިދު ސޭޓް) ޝަރީއަތް ނިމެންދެން ގޭބަންދުގައި ބަހައްޓާފައި ވަނިކޮށް ރޭ ދަންވަރު އަލުން އޭނާ ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ރޭ ދަންވަރު ގާޒީ އަބްދުލް ބާރީ ޔޫސުފް ނެރުއްވި އަމުރަކަށް ހާމިދު ސޭޓް ހައްޔަރުކުރި އިރު ޝަރީއަތް ނިމެންދެން ގޭ ބަންދުގައި ބަހައްޓަންވެސް އަމުރު ކޮށްފައިވަނީ މިދިޔަ ޖެނުއަރީ 17 ވަނަ ދުވަހުއެވެ.
ރައީސް އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތުގައި ހައްްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގާތް ގުޅުމެއް އޮންނަ ހާމިދު ފުރަތަމަ ހައްޔަރުކުރީ ގޮއްވާލާނެ ކަމަށް ބުނެ ރައީސް ޔާމީނަށް ވައިބާ މެދުވެރިކޮށް އިންޒާރު ދިން ކަމަށް ބުނެ އެވެ. އަދި އޭގެ ފަހުން އޭނާ ދޫކޮށްލިތަނުން ދެން ހައްޔަރުކުރީ މަނީ ލޯންޑެރިންގެ މައްސަލައިގަ އެވެ.
ހާމިދު ސޭޓް އަލުން ހައްޔަރުކުރި އިރު އެމްއެމްޕީއަރްސީގެ ކަރަޕްޝަންގް އޮޑިޓް ރިޕޯޓް މިއަދު އާއްމު ކުރާނެ ކަމަށް އޭސީސީން ވަނީ ބުނެފައެވެ. އަދި އިއްޔެ އިއްވި ރިޔާސީ ބަޔާންގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ދައުލަތުން ގެއްލުނު ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ރައީސް ޔާމީން އާއި އަދި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް އާއި ގާތްގުޅުމެއް އޮންނަ ހާމިދު ސޭޓަކީ 2013 ވަނަ އަހަރުގެ އިންތިހާބް ރައީސް ޔާމީން ކާމިޔާބް ކުރެއްވުމަށް މާލީ ގޮތުން ބޮޑު ހޭދައެއް ކުރެއްވި ބޭފުޅެއްކަމަށް ހާމިދުގެ ގާތް ފަރާތްތަކުން ބުނެއެވެ.