އެމެރިކާގައި ކިޔަވަމުން ދިޔަ އިންޑިއާގެ ދަރިވަރަކު ގެއްލިގެން ހޯދަމުން ދަނިިކޮށް މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
މި މަހުގެ 9 އިން ފެށިގެން ކެލިފޯނިއާގެ ބާކްލީން ގެއްލިގެން ހޯދަމުން އައީ ކަރްނާޓަކާ އަށް ނިސްބަތްވާ ސަކެތު ސްރީނިވާސިއާ، 22، އެވެ. އޭނަ އަކީ ބާކްލީ ޔުނިވަސިޓީގައިި ކެމިކަލް އެންޑް ބައޯމޮލެކިއުލާ އިންޖިނިއަރިން އިން މާސްޓާސް އަށް ކިޔަވަމުން އައި ދަރިވަރެކެވެ.
ސަކެތު އެމެރިކާ އަށް ކިޔަވަން ދިޔައީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.
އޭނަ ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނީ މިއަދު ކަމަށް ސެން ފްރާންސިސްކޯގައި ހުންނަ އިންޑިއާގެ ކޮންސިއުލޭޓުން ފުލުހުންނާ ހަވާލާދީ ބުނެފައިވެ އެވެ. ކޮންސިއުލޭޓުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓްތަކެއްގައި ސަކެތުގެ އާއިލާ އަށް ތައުޒިޔާ ވެސް ކިޔާފައިވެ އެވެ.
ނަމަވެސް ސަކެތު ގެއްލުނު ހާދިސާއާ ބެހޭ އެއްވެސް ތަފުސީލެއް އަދި ނުލިބެ އެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.