Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

ވިލުންވެށި ސްކޫލް ގާޑަން ޕްރޮގްރާމް ލޯންޗްކޮށްފި

މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށާއި، ރާއްޖޭގެ ކާނާގެ ރައްކާތެރިކަން އިތުރުކުރުމުގެ މަގުސަދުގައި “ވިލުންވެށި ސްކޫލް ގާޑަން ޕްރޮގްރާމް” ލޯންޗްކޮށްފި އެވެ.

އެގްރިކަލްޗަ މިނިސްޓްރީ އާއި އެޑިޔުކޭޝަން މިނިސްޓްރީން އަދި ތިމާވެއްޓާ ބެހޭ މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމް ލޯންޗްކުރީ އިއްޔެ އެވެ.

މި ޕްރޮގްރާމަކީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓުން ކުރިއަށް ގެންދާ “އެންހާންސިން ކްލައިމެޓް ރެސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ” މަޝްރޫޢުގެ ދަށުން ގެންދާ ޕްރޮގްރާމެކެވެ.

ޕްރޮގްރާމް އިއްޔެ ލޯންޗްކޮށް ދެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް މިމްރާހެވެ.

އޭނަ ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ބަލައި، ޤައުމީ ފެންވަރުގައި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އަދި މިފަދަ ޕްރޮގުރާމެއް ހިންގުމުގެ މައިގަނޑު މަގުޞަދަކީ އާބަން ސަރަޙައްދުތަކުގައި ދަނޑުވެރިކަން ކުރުމުގައި ބޭނުން ކުރެވިދާނެ ތަފާތު ގޮތްތަކާއި، މިފަދަ ޕްރޮގުރާމުތަކަށް ސްކޫލުގެ މާހައުލުގައި ދަރިވަރުންގެ އާއި މުދައްރިސުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވިދާނެ ކަންތަތްތަކާއި ސިއްޙަތައް ފައިދާކުރުވަނިވި ކާނާގެ ބާވަތްތައް ބޭނުންކު ރުމަށް ބާރުވެރިކުރުމަށް އެޅިދާނެ ފިޔަވަޅުތައް ހަރުދަނާ ކުރުން ކަމަށް ވިދާޅުވި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ސުޕަރިންޓެންޑެންޓް، އިސްމާޢީލް ސަޢުދުﷲ ވިދާޅުވީ، ކްލާސްރޫމްގައި އުނގަންނައިދޭ ތަޢުލީމާއި ތިމާވެށީގެ ޙަޤީޤީ ގޮންޖެހުންތަކާ ގުޅުވައިދޭނެ ފަދަ ޢަމަލީ ހުނަރުތަކާއި މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށް ދިނުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ.

އެގޮތުން ސްކޫލްތަކުގައި ހިންގޭ މިފަދަ ދަނޑުވެރިކަމުގެ ހަރަކާތްތަކަކީ ތިމާވެށި ރައްކާތެރި ކުރުމުގެ ރޫޙާއި، ޒިންމާދާރުކަން އަދި ދަރިވަރުންގެ ދުޅަހެޔޮކަން އިތުރު ކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށް ވިދާޅުވި ވެ.

“ވިލުންވެށި ސްކޫލް ގާޑަން ޕްރޮގްރާމް” ލޯންޗްކޮށް އިއްޔެ ފެށި ވޯކްޝޮޕްގައި، މި ޕްރޮގްރާމްގައި ހިމެނޭ މިނިސްޓްރީތަކާއި ހޮވާލެވުނު ސްކޫލްތަކުން ޖުމްލަ 50 ބައިވެރިން ބައިވެރިވި އެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ މަރުޙަލާ ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މާލެ ސަރަޙައްދުގެ ތިން ސްކޫލެއްގަ އެވެ. އެއީ ޣާޒީ ސްކޫލް، ހިރިޔާ ސްކޫލް އަދި މުޙްޔިއްދީން ސްކޫލެވެ.