ސަލްލާން ޚާންގެ އާ ފިލްމު "ބެޓްލް އޮފް ގަލްވާން" ގެ ލަވައެއް ދައްކާލައިފި އެވެ.
އޭނަ އާއި ބަތަލާ ޗިތުރަންގަދާ ގުޅުން ދައްކުވައިދޭ ލަވައިގެ ނަމަކީ "މޭ ހޫނ" އެވެ. މި ލަވަ ކިޔާފައި ވަނީ ޝްރެޔާ ގޯޝަލް އާއި އަޔާން އަލީ އެވެ. ލަވައިގެ މިއުޒިކް ވެސް އަޔާން ހެދު އިރު، މީގެ ޅެމުގައި އޭނައާ އެކު ޝައްބީރް އަހުމަދު ހިއްސާވެފައިވެ އެވެ.
"ބެޓްލް އޮފް ގަލްވާން" އަކީ ސަލްމާން، 60، އާއި ޗިތުރަންގަދާ، 50، އެކީގައި ބޮޑު ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ. ދެ ތަރިން ދެމަފިރިންގެ ގޮތުގައި ފެންނާނެ މި ފިލްމަކީ ސަލްމާން ސިފައިންގެ މީހެއްގެ ރޯލު ކުޅެފައިވާ ހަނގުރާމަ ފިލްމެކެވެ. އަޕޫރްވާލާކިއާ ޑައިރެކްޓްކޮށްފައިވާ "ބެޓްލް އޮފް ގަލްވާން" އަކީ އިންޑިއާ އާއި ޗައިނާއާ ދެމެދު ގަލްވާން ވެލީގައި 2020 ގައި ހިނގި ކުރިމަތިލުންތަކެއްގެ މައްޗަށް ބިނާކޮށް ލިޔުންތެރިން ކަމަށްވާ ޝިވް އަރޫރް އާއި ރާހުލް ސިންގް ލިޔެފައިވާ "އިިންޑިއާސް މޯސްޓް ފިއަލެސް 3" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.
އެޕްރީލް 17 އަށް ތާވަލުކޮށްފައިވާ ފިލްމުގެ ކާސްޓްގައި އަންކޫރް ބާޓިއާ އަދި އަބިލާޝް ޗައުދަރީ ފަދަ ފަންނާނުން ހިމެނެ އެވެ.
"ބެޓްލް އޮފް ގަލްވާން" ގެ ލަވައެެއް ދައްކައިލި އިރު، މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ނިންމި ތާރީހު ފަސްކުރަން އުޅޭކަމުގެ އަޑުތަކެއް މީގެ ހަފުތާއެއްހާ ދުވަސް ކުރިން އަރާފައިވެ އެވެ. އެގޮތުން އަހަރުގެ މެދުތެރެއަށް ފިލްމު ފަސްކޮށްފާނެކަމުގެ އަޑުތަކެއް އެރި ނަމަވެސް، ފިލްމުގެ ޓީމުން އަދި އެކަހަލަ އެއްވެސް އިޝާރާތެއް ނުދެ އެވެ.
ސަލްމާންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ސިކަންދަރު" އެވެ.