މިދިޔަ އަހަރު ރިލީޒްކުރި ބޮލީވުޑްގެ ފިލްމު "ސައްޔާރާ" އިން ވިދި ޒުވާން އެކްޓަރު އަހާން ޕާންޑޭގެ ދެވަނަ ފިލްމުގެ ނަމަކީ
"ފިއާ" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އަންނަ އެޕްރީލް މަހުގެ ތެރޭގައި ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ މި ފިލްމަކީ "ސައްޔާރާ" ވެސް އުފެއްދި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ރޮމޭންޓިކް އެކްޝަން ތުރިލާއެކެވެ.
މި ފިލްމަށް ތައްޔާރުވަމުން އަންނަކަން އަހާން ވެސް ކަށަވަރުކޮށް ދީފައިވާ އިރު، ފިލްމުގެ ނަމަކީ "ފިއާ" ކަމަށް މީޑިއާތަކުގައި ރިޕޯޓް ކުރަން ފެށީ އިހަކަށް ދުވަހު އަލީ އިންސްޓަގްރާމް ސްޓޯރީގައި ޕޯސްޓްކުރި ފޮޓޯއަކާ ގުޅިގެންނެވެ. އެއިން ސްކްރިޕްޓްގެ ކަވަރު ފެންނަ އިރު، އޭނަގެ ނަމާ އެކު ޖަހަފައި އިނީ "ފިއާ" އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިންޑިއާގެ އިތުރުން ބޭރުގެ ބައެއް ގައުމުތަކުގައި ވެސް ގިނަ މަންޒަރުތަކެއް ނަގަން ހަމަޖެހިފައިވާ ފިލްމުގެ ބަތަލާ އަކީ ޝަރްވާރީ ވާގް އެވެ. އަދި މީގެ ކާސްޓްގައި ބޮބީ ޑިއޯލް އާއި އާއިޝްވަރީ ތާކްރީ ވެސް ހިމެނެ އެވެ.
"ޓައިގާ ޒިންދާ ހޭ" އާއި "ސުލްތާން" ފަދަ ކާމިޔާބު ފިލްމުތަކެއް ގެނެސްދިން އަލީގެ އެންމެ ފަހުގެ ފިލްމަކީ 2024 ގެ ސައިންސް ފިކްޝަން އެކްޝަން ފިލްމު "ބަޅޭ މިއާ، ޗޯޓޭ މިއާ" އެވެ.