ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގާ ސްކޭމްތަކުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގއ. ގެމަނަފުށި، ރަންކޮކާގެ، ނަދީފް މުޙައްމަދު، 36، އެވެ.
ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކުރ މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި ނަދީފް ހައްޔަރުކޮށް ބަލައިފާސްކުރި އިރު ކޭޝް ކާޑުތަކަކާއި، ސިމް ކާޑުތަކަކާއި، މޯބައިލް ފޯނުތަކެއްގެ އިތުރުން ދިވެހި ރުފިޔާ އާއި ޑޮލަރު ވެސް އޭނަގެ އަތުން ފެނިފައިވާ ކަމަށެވެ.
ނަދީފް ހައްޔަރުކުރީ މާކެޓްޕްލޭސް މެދުވެރިކޮށް މުދާ ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އަތުން ފައިސާ ހޯދައި، އެ ފައިސާ އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުވައިގެން ނަގާފައިވާ މައްސަލައާ ގުޅިގެންނެވެ. އޭނަ އަކީ މިފަދަ ސްކޭމްތައް ރާވައި ހިންގުމާއި، ސްކޭމް ނެޓްވޯކްތަކުން ހޯދާ ފައިސާ އެއްކުރުމުގައި ތަކުރާރުކޮށް ބައިވެރިވަމުންދާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
ނަދީފް ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ބަންދަޑް 5 ދުވަސް ޖަހާފައިވެ އެވެ.
އޭނަގެ މައްސަލަ އެންޓި-ސްކޭމް ސެންޓަރުން އަންނަނީ ތަހުގީގު ކުރަމުންނެވެ.