ދިވެހި ޅެންވެރިކަން ޒުވާން ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް ބަހާ ބެހޭ މިނިސްޓަރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ޅެންވެރިންގެ ދުވަސް އައްޑޫގެ ޅެންވެރިުާ ހަސަން ލަބީބަށް ހާއްސަކޮށް، އެ ދުވަސް ފާހަގަކުރަން ރޭ ހިތަދޫގައި ބޭއްވުި ރަސްމީ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ ޅެންވެރިންނަކީ ޤައުމެއްގެ ދެމިއޮތުމާއި، އަޚުލާގާއި، ދިރިއުޅުމުގެ މާނަތަކާއި މަޤްޞަދުތައް މުޖުތަމަޢަށް ބަޔާންކޮށްދޭ ބައެއްކަ މަށެވެ. އަދި ހިތްވަރާއެކު ޅެންވެރިކަން ޒުވާން ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ނަސީރު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ގައުމިއްޔަތު އިޔާދަކުރުމަށް ހާއްސަ ތަޞައްވުރަށް ގެންގުޅުއްވާ އިރު، ލެންވެރިކަމާއި އަދަބީ އެ ނޫން ވެސް ފަންނުތަކަކީ ކުރިއަރުވައި ޒުވާނުން އެފަދަ ފަންނުގެ ތެރެއަށް ވައްދަން ޖެހޭ ކަމެއް ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ މުޚާޠަބުކުރެއްވުމުގައި ދިވެހި ތަރިކައިގެ ދާއިރާއާއި ގުޅޭ ޚާއްސަ ވާހަކަތަކެއް ބަޔާން ކޮށްދެއްވާފައި. އަދި މި ދާއިރާ ޢިލްމީ ކުރުމާއި މިދާއިރާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ޚާއްސަ މަޝްރޫޢުތަކެއް މިއަހަރުގެ ރިޔާސީ ބަޔާނުގައި ފާހަގަކޮށްދެއްވާފައި،" މިނިސްޓަރު ވިދާޅުވި އެވެ. "އެހެން ކަމުން މިދާއިރާ މިހާރު މިވަނީ ވަކި ދާއިރާއެއްގެ ގޮތުގައި ސިފަކުރެވި ޚާއްސަ ސިޔާސަތެއްގެ ދަށުން ހިންގަން ފެށިގެން ގޮސްފައި."
އޭނަ ވިދާޅުވީ، ތަރިކައިގެ ތެރޭގައި މާއްދީ، ތޮބީއީ އަދި މައުނަވީ ތަރިކަ ހިމެނޭއިރު، ޅެންވެރިކަމާއި ބަހަކީ އޭގެ ތެރެއިން މައުނަވީ ތަރިކައިގެ ތެރޭގައި ހިމެނޭ މުހިންމު ބައިތަކެއް ކަމަށެވެ. އަދި ޅެންވެރިކަމަކީ ދިވެހި ޤައުމީ ވުޖޫދުގައި ތަރިކައާ އެންމެ ބޮޑަށް ގުޅިފައިވާ އެއް ދާއިރާކަން ފާހަގަ ކުރެއްވި އެވެ.
ރޭގެ ޖަލްސާގައި ލަބީބްގެ ޅެންފޮތް "ގުލޭނޫރަންމާ" ވެސް މިނިސްޓަރު ނެރެދެއްވި އެވެ. އަދި އޭނަގެ ޚިދުމަތް ފާހަގަކޮށް ޚާއްސަ ހަނދާނީފިލައެއް ވެސް އަރުވާފައިވެ އެވެ.