ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ 69 ގޮނޑި އިންތިހާބަކާ ނުލާ ވެރިކަންކުރާ ޕީއެންސީއަށް ކަށަވަރުވެއްޖެ އެވެ.
އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން މިމަހުގެ 12 ވަނަ ދުވަހު އޮތްއިރު ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ނަން ތަރުތީބު ކުރުމާ ހަމައަށް އޮތީ ހުޅުވާލާފަ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ އެޕްރީލް 4 ވަނަ ދުވަހު ބާއްވާ އިންތިހާބަށް ކުރިމަތިލުމަށް މުއްދަތު ހަމަވިއިރު، އިންތިހާބު ކުރަންޖެހޭ އަދަދަށް ކުރިމަތިލާފައިވާ ދާއިރާތަކާއި ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް، ގުރުއަތުލުން އޮންނަ ތަނުގައި ނަންތައް އިޢުލާނުކުރުމުގެ ކުރިން ނަންއަނބުރާ ގެންދިޔުމާ ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ ދަށުން ވޯޓަކާ ނުލައި އިންތިހާބުވެފައިވާ ކެންޑިޑޭޓުން ހާމަކޮށްފަ އެވެ.
އެ ގޮތުން ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް 28 ގޮނޑި ލިބިފައިވާއިރު އެމްޑީޕީއަށް 1 ގޮނޑި އަދި އަދާލަތު ޕާޓީއަށް 1 ގޮނޑި ލިބިފައިވެ އެވެ. އަދި އަމިއްލަ 3 ކެންޑިޑޭޓަކު ވަނީ ވޯޓަކާ ނުލާ އިންތިހާބުވެފަ އެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އިންތިހާބުގައި ޕީއެންސީއަށް 41 ގޮނޑި ލިބުނުއިރު އެމްޑީޕީއަށް 5 ގޮނޑި ލިބުނެވެ. އަދާލަތު ޕާޓީއަށް 1 ގޮނޑި ލިބުނުއިރު އަމިއްލަ ގޮތުން ވާދަކުރާ 2 ކެންޑިޑޭޓަކު ވަނީ ގޮނޑި ކަށަވަރުކޮށްފަ އެވެ.