އިއްޔެ ރާއްޖެއަށް 11,000އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، އެއީ އެއް ދުވަހެއްގައި އެންމެ ގިނަ ތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި ދުވަސް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ އެކަނިވެސް ރާއްޖެއަށް 11،136 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.
މީގެ ކުރިން އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ރެކޯޑު އޮތީ މި މަހުގެ އަށް ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް 10,462 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 349،990 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެއީ، މިދިޔަ އަހަރުގެ މި މުއްދަތާ ބަލާއިރު، 7.6 އިންސައްތައިގެ ކުރިއެރުމެއް ކަމަށްވާއިރު، ދުވާލަކަށް 7،778 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެ އެވެ.