ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ބޮލީވުޑްގެ ޑައިރެކްޓަރު ކޭތަން މެހެތާ އަހަރުތަކެއް ފަހުން އާ ފިލްމެއް ހަދަން ނިންމައި އެކަން މިއަދު އިއުލާންކޮށްފި އެވެ.
އޭނަގެ އާ ފިލްމަކީ މީގެ ހާހެއްހާ އަހަރު ކުރިން ތަޅާލި އިންޑިއާގެ މަޝްހޫރު ފަޅިއެއް ކަމަށްވާ ގުޖްރާތުގެ ސޯމްނާތަށް ބިނާކޮށް ހަދަން ނިންމާފައިވާ ޕީރިއަޑް ފިލްމެކެވެ.
މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ފިލްމުގެ ނަމަކީ "ޖޭ ސޯމްނާތު" އެވެ.
އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ މި ފިލްމަކީ ކޭތަން ލިޔެ، ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. މީގެ މޯޝަން ޕޯސްޓަރު މިއަދު ދައްކައިލި ނަމަވެސް ފިލްމު ސިނަމާތަކަށް ގެންނާނެ ސީދާ ތާރީހަކާއި ކާސްޓުން އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު ވަރަށް އަވަހަށް "ޖޭ ސޯމްނާތު" ގެ ޝޫޓިން ފަށާނެ އެވެ.
ކޭތަން، 73، ގެ އެންމެ ފަހުގެ ފިލްމަކީ 2018 ގެ "ތޯބާ ތޭކް ސިންގް" އެވެ.
އޭނަ ގެނެސްދިން ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "މިރްޗް މަސާލާ"، "މާޔާ މޭމްސާބު"، "އާރް ޔާ ޕާރް" އަދި "މަންގަލް ޕާންޑޭ: ދަ ރައިޒިން" ފާހަގަކޮށްލެވެ އެވެ.