ޙައްޤު ގޮތުގައި ބާއްޖަވެރިވެއްޖެ މީހެއްގެ ކިބައިގައި ތިން ކަމެއް ހުންނާނެ އެވެ. އެއީ ނިޢުމަތެއް ލިބުމުން ޝުކުރު ކުރުމާއި މުޞީބާތެއް ޖެހުމުން ކެތްތެރިވުމާ އަދި ފާފައެއް ކުރެވުމުން ފާފަފުއްސެވުމަށް އެދި ދެންނެވުމެވެ.
އިބްނުލް ޤައްޔިމް ވިދާޅުވި އެވެ؛
“އޭނާއަށް ނިޢުމަތެއް ދެއްވުމުން ޝުކުރުވެރިވެއެވެ. އަދި މުޞީބާތެއް ޖެހުމުން ކެތްތެރިވެ އެވެ. އަދި ފާފައެއް ކުރެވުމުން ފާފަފުއްސެވުމަށް އެދިދަންނަވައެވެ. ފަހެ މިތިން ކަމަކީ އަޅާ ބާއްޖަވެރިވުމުގެ ތިން އަސާސެވެ. އަދި ދުނިޔެ އާއި އާޚިރަތުގައި ވެސް ކާމިޔާބުވާނެކަމުގެ ޢަލާމާތެވެ. އަދި އެކަމުން އަޅާ ދުވަހަކު ވެސް ވަކިވެ ނުދާނެ އެވެ.” [الوابل الصيب / ص: 6]
އަދި ކޮންމެ ރެއަކުވެސް ތިބާއަށް ފަރުވާ ކުޑަކުރެވިފައިވާ ކަންކަމާމެދު ނަފްސު ޙިސާބުކުރާށެވެ. އަދި ތިބާއަށް ކުރެވިފައިވާ ގޯސްތަކަކީ ބޮޑު ކަމެއް ކަމުގައި ދެކޭށެވެ. އަދި އޭގެ ނަތީޖާއަށް ބިރުވެތިވާށެވެ. އެކަންކަމުގެ ވެރިއިލާހު ދެކެ ބިރުވެތިވާށެވެ. އަދި އެއަށް ފަހު ކުރެވިފައިވާ ހެޔޮ ކަންކަމާ މެދު މާ ބޮޑަށް ފިކުރު ނުކުރާށެވެ. އެކަންކަމުގެ ވެރިއިލާހުގެ ޘާބަށް އުންމީދު ކުރާށެވެ. މި ކަންކަމަކީ ބާއްޖަވެރި ޙަޔާތެއް ހޯދުމަށް މަސައްކަތްކުރާ ނަފްސެއްގެ ޢަލާމާތެކެވެ.
އިބްނުލް ޤައްޔިމް ވިދާޅުވިއެވެ؛
“ބާއްޖަވެރިކަމުގެ ޢަލާމާތަކީ އަޅާކުރާ ހެޔޮ ކަންތައްތައް އޭނާގެ ފަހަތުގައި ބެހެއްޓުމެވެ. އަދި އޭނާ އަށް ކުރެވިފައިވާ ނުބައި ކަންތައްތައް ލޯ ކުރިމަތީގައި ބެހެއްޓުމެވެ. އަދި އަބާއްޖަވެރިކަމުގެ ޢަލާމާތަކީ އޭނާގެ ހެޔޮ ކަންތައް ލޯ ކުރިމަތީގައި ބެހެއްޓުމެވެ. އަދި ނުބައިކަންތައްތައް ފަހަތުގައި ބެހެއްޓުމެވެ.” [مفتاح دار السعادة / (2/ 310)]
ބާއްޖަވެރި އަކީ އޭނާގެ ޚާލިޤުވަންތަ އިލާހަށް ތަޤްވާވެރިވާ މީ ހާއެވެ. އަދި މީހުންނާ ކުރާ މުޢާމަލާތް ހެޔޮ މީހާ އެވެ. އަދި ނިޢުމަތްތަކަށް ޝުކުރުވެރިވެ އެއިލާހަށް ކިޔަމަން ގަތުމުގައި އެކަންކަން ބޭނުން ކުރާ މީހާ އެވެ. އަދި މުޞީބާތެއް ކުރިމަތިވުމުން އެކަމަށް ކެތްތެރިވެ އެކަމުގެ އަޖުރަށް އުންމީދުކުރާ މީހާ އެވެ. އޭނާގެ ހިތް ތަނަވަސްކޮށް، ހަމަ ޔަޤީނުން ވެސް އޭގެ ސަބަބުން ﷲ ތަޢާލާ އޭނާ ޠާހިރުކޮށް ދެއްވައި ދަރަޖަ އުފުއްލަވައި ދެއްވާނެ ކަމަށް ދެކޭ މީހާ އެވެ. އަދި ކުރެވިފައިވާ ކުށްތަކަށް ފާފަ ފުއްސަވާދެއްވުމަށް އެދި ދަންނަވައި އަދި ފާފަތަކާ މެދު ދެރަވާ މީހާ އެވެ.
މަސްދަރު: އިލްމު.އެމްވީ