Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ފިތުރު ޕޯޓަލްއާ ގުޅޭ ޓްރެއިނިންއެއް ބާއްވައިފި

ދާދި ފަހުން ޒަކާތު ހައުސް އިން ލޯންޗްކުރި ފިޠުރު ޕޯޓަލާ ގުޅޭ ތަމްރީނު ސެޝަނެއް ބާއްވައިފި އެވެ.

ޒަކާތު ހައުސްގެ މުވައްޒަފުން ވެސް ހިމަނައިގެން ކުރިއަށް ގެންދިޔަ އެ ތަމްރީނުގައި، ރާއްޖޭގެ އެކި ރަށު ކައުންސިލުތަކާއި، އަތޮޅު ކައުންސިލުތަކާއި، ސިޓީ ކައުންސިލުތަކުގެ އޮފިޝަލުން އޮންލައިންކޮށް ޓްރެއިނިންގައި ބައިވެރިވެފައިވެ އެވެ.

މި ތަމްރީނަކީ ކުރިއަށް އޮތް ރަމަޟާން މަހަށް މޯލްޑިވްސް ޒަކާތު ހައުސްއިން ވަމުންދާ ތައްޔާރީތަކުގެ މުހިންމު ބައެއް ކަމަށް އެތަނުން ބުންޏެވެ. އެގޮތުން ޓްރެއިނިންގެ މަޤްޞަދަކީ އިދާރީ ގޮތުން ފުރިހަ މައަށް ތައްޔާރުވުމާއި، ފިޠުރު ޒަކާތް ބަލައިގަތުމާއި ބެލެހެއްޓުމުގައި ޒަކާތު ހައުސްއިން މުޅި ރާއްޖޭގައި ޤާއިމުކޮށްފައިވާ ވިލަރެސްކުރުމުގެ ނިޒާމު ހަރުދަނާ ކުރުމެވެ.

ފިޠުރު ޕޯޓަލް ލޯންޗްކުރީ މި މަހުގެ 2 ގަ އެވެ.

މިއީ ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ މަރުޙަލާތަކުގައި ޒިންމާދާރުކަމާއި، ދެފުށްފެންނަ މިންވަރާއި، ހަލުވިކަން އިތުރުކުރުމަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ.

މި ޕޯޓަލަށް އެކްސެސްވެވޭނީ ހަމައެކަނި ޒަކާތު ހައުސް އާއި ލޯކަލް ކައުންސިލުތަކުގެ އިދާރީ ބޭނުންތަކަށް ޚާއްޞަކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.

ފިޠުރު ޕޯޓަލް މެދުވެރިކޮށް، އާންމު ފަރުދުން ކައުންސިލް އިދާރާތަކަށް ނުވަތަ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ވަޑައިގެން ނަގުދު ފައިސާއިން ޒަކާތް ދެއްކުމުން، ހުއްދަ ދެވިފައިވާ މުވައްޒަފުން އެ މުޢާމަލާތް ވަގުތުން ޕޯޓަލުގައި ރެކޯޑުކުރާނެ އެވެ. އަދި ފައިސާ ދައްކާ ނިމުމުން، ފިޠުރު ޒަކާތުގެ ގޮތުގައި ދެއްކި އަދަދު ކަށަވަރުކޮށްދޭ އެސްއެމްއެސްއެއް ވަގުތުން އެ ފަރާތަކަށް ލިބޭނެއެ ވެ. މީގެ އިތުރުން، ޞަދަޤާތުގެ ގޮތުގައި އިތުރު ފައިސާއެއް ދައްކާފައިވާ ނަމަ، އެ އަދަދު ވެސް އެ މެސެޖުގައި ހިމެނޭނެ އެވެ.