Last Updated: June 5, 22:30
Friday, June 5, 2026
ދުނިޔެ

ބީއެންޕީގެ އޮފީހެއްގައި ރޯކޮށްލައިފި

މިދިޔަ ހަފުތާގައި ބޭއްވި ބަންގްލަދޭޝްގެ އާންމު އިންތިހާބު ކާމިޔާބުކުރި ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ އޮފީހެއްގައި ރޯކޮށްލައިފި އެވެ.

މީޑިއާތަކުން ބުނީ ރޯކޮށްލާފައި ވަނީ ރޫޕްގަންޖްގެ ޝިމޫލިއާ ބާޒާރު ސަރަަހައްދުގައި ހުރި ބީއެންޕީގެ އޮފީހުގައި ކަމަށެވެ. އެތަނަކީ މީގެ މަހެއްހާ ދުވަސް ކުރިން އިމާރާތްކޮށް، މީގެ ހަފުތާއެއްހާ ދުވަސް ކުރިން ބޭނުން ކުރަން ފެށި ތަނެކެވެ.

ރޫޕްގަންޖް ފުލުހުންގެ އިންޗާޖް ސްޓޭޝަން އޮފިސަރު ޝަބްޒެލް ހުސައިން ދަ ޑެއިލީ ސްޓާ އަށް ވިދާޅުވީ ޕާޓީގެ އޮފީހުގައި ރޯކޮށްލިކަމުގެ މައުލޫމާތު ލިބުނީ ރޭ މެންދަމު 3:45 އެހާކަށްހާ އިރު ކަމަށެވެ. އަދި އެތަނުގައި ރޯކޮށްލި ކަމަށް ބެލެވެނީ އޮފީހުގެ ކުޑަދޮރެއް ހަލާކުކޮށްލައި، އެތެރެ އަަށް ޕެޓްރޯލް ކަހަލަ އެއްޗެއް އަޅައިގެން ކަމަށް ވިދާޅުވި އެވެ.

މި ހާދިސާއާ ގުޅިގެން ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކޮށް، އެކަމުގައި ޝާމިލުވާ ކަމަށް ބެލެވޭ އިތުރު ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

ބީއެންޕީގެ އޮފީހެއްގައި ރޯކޮށްލާފައި ވަނީ އިންތިހާބު ބޭއްވިތާ ދެ ދުވަސް ފަހުންނެވެ. ބުރާސްފަތި ދުވަހު ބޭއްވި އާންމު އިންތިހާބު، އަވަހާރަވެފައިވާ ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިއާގެ ޕާޓީން ކާމިޔާބުކުރީ ގާނޫނު ހަދާ މަޖިލީހުގެ 300 ގޮނޑި އަށް ވާދަކޮށް 209 ގޮނޑި ހޯދައިގެންނެވެ.

ބީއެންޕީގެ ލީޑަރަކަށް ހުންނެވި ހާލިދާގެ ދަރިކަލުން ތާރިގް ރަހްމާން މިހާރު ގެންދަވަނީ އަންނަ އަންގާރަ ދުވަހު ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމަށެވެ.