ހަ ރަށް ފިޔަވާ ހުރިހާ ރަށަކަށް ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރާ މަސްދަޅު ބަހައި ނިމިއްޖެ އެވެ.
ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އެންމެ ހަ ރަށް ފިޔަވައި ހުރިހާ ރަށެއްގައި މިހާރު ރޯދަ ހަދިޔާ ބަހައި ނިމިފައިވާ ކަމަށެވެ.
އަދި ރަށްރަށުގައި ރޯދަ ހަދިޔާ ބެހުމަށް ކުރެވުނު މަސައްކަތުން ފާހަގަ ކުރެވުނީ ރަށްރަށުގައި ދިރިއުޅޭ މީހުންގެ ގޭބިސީ ލިސްޓެއް އަދާހަމަކޮށް ބެލެހެއްޓުމުގެ މުހިންމުކަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރޯދަ ހަދިޔާގެ ގޮތުގައި މިއީ މަސްކޭސް ދޫކުރާ ދެވަނަ އަހަރެވެ.
މި އަހަރު ރޯދަ ހަދިޔާ ބެހުމަށް އެކުލަވައިލި ގޭބިސީ ލިސްޓުގައިވާ ގޮތުން ރަށްރަށާއި ސިޓީތަކުގެ ގޭބިސީގެ ޖުމުލަ ޢަދަދަކީ 56,918 އެވެ. ޑޮމެސްޓިކް މީޓަރގެ ޢަދަދަކީ 61,755 އެވެ.
މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ޖުމުލަ 118,673 މަސްދަޅު ކޭސް ބެހިގެންދާނެ އެވެ.