Last Updated: June 8, 06:42
Monday, June 8, 2026
ޚަބަރު

މިދިޔަ މަހު މީރާ އަށް 4.4 ބިލިއަން ރުފިޔާ

މިރާ އޮފީހުގެ ތެރެއިން / ފޮޓޯ: މީރާ

މިދިޔަ ޖެނުއަރީ މަހު މީރާއިން 4.4 ބިލިއަން ރުފިޔާ ބަލައިގަނެފި އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 33.1 ޕަސެންޓް އިތުރު އަދަދެއް ނަމަވެސް ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ 4.6 ޕަސެންޓް ދަށް އަދަދެކެވެ.

އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތައް މިދިޔަ މަހުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ބޭންކް ޕްރޮފިޓް ޓެކްސް، ބިން ބަދަލުކުރުމުގެ ފީ (ލޭންޑް އެކުއިޒިޝަން ފީ އަދި ކޮންވާޝަން ފީ) އަދި ފަތުރުވެރިކަމުގެ ދާއިރާގެ ޖީ.އެސް.ޓީ (ޓީ.ޖީ.އެސް.ޓީ) އިތުރުވުން ހިމެނެއެވެ. އަދި 2024 ވަނަ އަހަރުގެ ޑިސެމްބަރާ އަޅާބަލާއިރު 2025 ޑިސެމްބަރުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 7.4 އިންސައްތަ އިތުރުވުމުން، ޓީ.ޖީ.އެސް.ޓީ އާއި ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކްސްތަކަށް ވަނީ ހެޔޮ ބަދަލެއް އައިސްފައެވެ.

މީގެ އިތުރުން، މި މުއްދަތަކީ އިންކަމް ޓެކްސްގެ އިންޓަރިމް ޕޭމަންޓް ދައްކަންޖެހޭ ދުވަސްވަރު ކަމަށްވުމުން، ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މީރާއަށް މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. ޖީއެސްޓީގެ ގޮތުގައި 1.79 ބިލިއަން ރުފިޔާ ލިބުނުއިރު އެއީ ޖުމްލަ އާމްދަނީގެ 40.4 ޕަސެންޓެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އާމްދަނީ އިން ނަގާ ޓެކުހުންނެވެ. އެއީ 1.54 ބިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި 271.44 މިލިއަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 221.80 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 188.85 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 180.79 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ޖެނުއަރީ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 180.42 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.