އައްޑޫ ހުޅުމީދޫ ރައްޔިތުން އަލިފާނަށް ހޭލުންތެރިކަން އުފައްދަން ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ.
އިއްޔެ އެ ސެޝަން ބޭއްވީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި މާހެފުމުގެ ތެރޭގަ އެވެ.
އެގޮތުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ކުރިއަށް ގެންދިޔަ މި ސެޝަނަކީ ދެ ރަށުގެ ރައްޔިތުންނަށް އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާ ބެހޭ މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ސެޝަނެކެވެ. އޭގައި 300 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ. އަދި އެ ސެޝަނުގައި ބަދިގޭގައި ހިނގާ އަލިފާނުގެ ހާދިސާތަކުން ރައްކާތެރި ވުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ މަޢުލޫމާތު ދީފައިވެ އެވެ.

ސެޝަން ނަގައި ދިނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ހުޅުމީދޫ ފަޔަ ސްޓޭޝަނުގެ ފަޔާމަނުންނެވެ.
މީގެ ކުރިން ވެސް އައްޑޫގެ އެކި އަވަށްތަކުގައި އެކި ފަރާތްތަކަށް ހާއްސަކޮށްގެން އަލިފާނާ ގުޅޭ މިފަދަ ސެޝަންތަކެއް ބާއްވާފައިވެ އެވެ.