Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

އޭސީސީސީން އެމްއެންޔޫއާ އެކު އެއްބަސްވުމެއް

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ގުޅިގެން ކޮރަޕްޝަން ހުއްޓުވުމަށާއި ނަޒާހަތްތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރުމަށްޓަކައި އިއްޔެ ސޮއިކުރި އެ އެއްބަސްވުމުގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލެވެ. ޔުނިވަސިޓީ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ.

އޭސީސީ އިން ބުނީ މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ކޮރަޕްޝަން ވިޔަނުދިނުމަށްޓަކައި ދެ މުއައްސަސާ ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަނެ، އެކަންކަން ހާސިލްކުރުން ކަމަށެވެ. މީގެ އިތުރުން، ކޮމިޝަނުން ދޭ ލަފާ ތަންފީޒު ކުރުމުގައި ގުޅިގެން މަސައްކަތް ކުރުމާއި، ފަންނީ އެހީތެރިކަން ބަދަލު ކުރުމުގައި ހަރުދަނާ ނިޒާމެއް ގާއިމްކުރުން އެއްބަސްވުމުގައި ހިމެނެ އެވެ.

އެއްބަސްވުމުގެ ދަށުން އޭސީސީން އެމްއެންޔޫގެ މުވައްޒަފުންގެ ނަޒާހަތްތެރިކަން ކުރިއެރުވުމަށް މަހާސިންތާތަކާއި ވޯކްޝޮޕްތައް ބޭއްވުމުގައި އެހީތެރިކަން ފޯރުކޮ ށްދޭނެ އެވެ. އަދި ކޮރަޕްޝަން ހުއްޓުވުމަށް ދައުލަތުގެ އިދާރާތަކާއި މަދަނީ ޖަމިއްޔާތަކަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް އެމްއެންޔޫއާ ގުޅިގެން ހިންގުމާއި، ދައުލަތް ހިންގުމުގައި އަމާނާތްތެރިކަން އިތުރު ކުރުމަށް ބޭނުންވާ ކޯސްތައް ފަރުމާކޮށް ހިންގާނެ އެވެ.

އޭސީސީން ބުނި ގޮތުގައި މި އެއްބަސްވުމަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ދައުލަތުގެ އެކި ދާއިރާތަކުން ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ.