ހޮލީވުޑްގެ މަގުބޫލު ބްލެކް ކޮމެޑީ ޑްރާމާ އެންތޮލޮޖީ "ދަ ވައިޓް ލޮޓަސް" ގެ ސީޒަން ހަތަރަކުން އިންޑިއާގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކީން ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެމީ އެވޯޑް ވެސް ހާސިލުކޮށްފައިވާ މި ސީރީޒަކީ އެޗްބީއޯ އިން 2021 ގައި ގެނެސްދޭން ފެށީ އެއްޗެކެވެ. ވަރަށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ސީރީޒްގެ ފުރަތަމަ ތިން ސީޒަނުގައި ޖުމްލަ 21 އެޕިސޯޑް ގެނެސްދީފައިވެ އެވެ. "ވައިޓް ލޮޓަސް"ގެ ތިން ވަނަ ސީޒަން ގެނެސްދިނީ މިދިޔަ އަހަރުގެ ފެބްރުއަރީ 16 އިން އެޕްރީލް 6 އަށެވެ.
މީޑިއާތަކުން ބުނީ "ވައިޓް ލޮޓަސް" ގެ ހަތަރު ވަނަ ސީޒަންގެ ޝޫޓިން އަށް މިހާރު ތައްޔާރީތައްވަމުން އަންނަ ކަމަށެވެ. އަދި އާ ސީޒަންގެ މަންޒަރުތައް ނަގާނީ ފްރާންސްގައި ކަމަށް ބުންޏެވެ.
މީ ސީޒަނުން ދީޕިކާ ފެންނާނެކަމުގެ އަޑުތަކެއް އެރި ނަމަވެސް ސީރީޒް ޓީމުންނާއި ދީޕިކާގެ ފަރާތުން ވެސް އެކަން އަދި ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.
ނަމަވެސް ފާހަގަކޮށްލަން ޖެހޭ އޭނަ އަކީ ދީޕިކާ އަކީ މުޅި ދުނިޔޭގައި ވެސް ވަރަށް މަޝްހޫރު ބަތަލާއެއްކަމެވެ. އޭނަ ކުރިން ހޮލީވުޑްގެ ފިލްމެއް ވެސް ކުޅެފައިވެ އެވެ. އެއީ މަޝްހޫރު އެކްޓަރު ވިން ޑީޒެލްއާ އެކު ކުޅުނު 2017 ގެ "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" އެވެ.
އެކްޓަރު ރަންވީރު ސިންގުގެ އަންހެނުން ދީޕިކާ މިހާރު އަންނަނީ ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ މި އަހަރުގެ ޑިސެމްބަރުގައި ގެނެސްދޭން ހަމަޖެހިފައިވާ ޝާހްރުކް ޚާންގެ "ކިންގް" އާއި ނަމާއި ތާރީހު ވެސް އަދި އިއުލާން ނުކުރާ ތެލެގޫ އެކްޓަރު އައްލޫ އަރުޖުންއާ އެކު ކުޅޭ ފިލްމެކެވެ.