އަތޮޅު ތެރޭގައި ބާއްވާ އެންމެ ބޮޑު ވިޔަފާރި އެކްސްޕޯ މި އަހަރު ބ. އޭދަފުށީގައި ބާއްވަން ނިންމައިފި އެވެ.
މިއީ ރާއްޖޭގައި ވިޔަފާރިއާ ގުޅުން ހުރި ބޮޑެތި އިވެންޓްތައް އިންތިޒާމު ކުރަމުން އަންނަ ހައި ރައިޒް ޕްރައިވެޓް ލިމިޓެޑާއި ބ. އަތޮޅު ކައުންސިލާއި އޭދަފުށީ ކައުންސިލް ގުޅިގެން ބާއްވަން ހަމަޖެހިފައިވާ އެކްސްޕޯގަ އެވެ.
މީގެ އެއްބަސްވުމުގައި އިއްޔެ ހަވީރު ވަނީ މާގިރި ހޮޓެލުގައި ސޮއި ވެސް ކޮށްފަ އެވެ.
އޭދަފުށި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ، ކައުންސިލްގެ ރައީސް މުޙައްމަދު ފާތިހެވެ. ބ. އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ، ސެކްރެޓަރީ ޖެނެރަލް މުޙައްމަދު އިކްރާމެވެ. ހައި ރައިޒުގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިންގ ޑިރެކްޓަރ މަރިޔަމް މާއިޝާ އެވެ.
އޭދަފުށީގައި ބާއްވާ އެކްސްޕޯވެގެން ދާނީ މާލެ ސަރަހައްދުން ބޭރުގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ވިޔަފާރި އެކްސްޕޯއަށެވެ.
މި އެކްސްޕޯގެ ސަބަބުން މާލޭގެ ބޮޑެތި ކުންފުނިތަކަށާއި މަޝްހޫރު ބްރޭންޑްތަކަށް، އަތޮޅުތެރޭގެ މާކެޓަށް ވަނުމަށް ފުރުސަތު ހުޅުވިގެން ދާނެ އެވެ.
އެކްސްޕޯގައި ބައިވެރިވާ އެކި ޕާޓްނަރުން ވެސް ވަނީ އިއުލާނުކޮށްފަ އެވެ. މިއެކްސްޕޯގެ މެއިން ސްޕޮންސަރުގެ އިތުރުން ސިލްވާ ސްޕޮންސަރަކީ، ބ. އޭދަފުށީ ރެޑް ސްޓާ އެވެ. ބެވަރޭޖް ޕާޓްނަރަކަށް ކޮކާކޯލާ ހަމަޖައްސާފައިވާ އިރު، ސައުންޑް އެންޑް ލައިޓްނިންގް ޕާޓްނަރަކީ މޯލްޑިވްސް މޫވްމެންޓްސް އެވެ. އަދި ޓެކްނޮލޮޖީ ޕާޓްނަރަކަށް 'ފައި-އެސް ސިސްޓަމްސް' ހަމަޖައްސާފައިވާއިރު، ޓެބްލޮއިޑް ޕާޓްނަރަކީ އައިލެންޑް ޗީފެވެ.
މި އެކްސްޕޯގައި ބައިވެރިވި ފުރަތަމަ ތަނަކީ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އެވެ. އަދި އެކްސްޕޯގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުރިހާ ފަރާތްތަކަށްވެސް އޮތީ ހުޅުވާލައިފަ އެވެ.
އެކްސްޕޯ ބާއްވަން ނިންމާފައި ވަނީ ފިތުރު އީދާ ދިމާކޮށް، އީދު ޝޯއަކާ ވެސް ހަ ރޯދައިގެ ފަހުންނެވެ.