Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

ޖާގަ ތަނަވަސްކޮށް، ބާޒާރުމަތީ މަގު ހުޅުވާލައިފި

default

މާލޭގެ މޫނުމަތިން މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާ ކުރަން ކުރިއަށް ގެންދާ މަޝްރޫއުގެ ދެވަނަ ސެގްމަންޓްގެ މަސައްކަތް ނިންމާލައި އެ ސަރަހައްދު އާންމުކޮށް ހުޅުވާލައިފި އެވެ.

މަސްމާރުކޭޓާ ހަމައިން ބާޒާރުމަތީ ފިހާރަތަކާ ހަމައަށް އޮންނަ ސަރަހައްދު ފުޅާކޮށް ތާރުއަޅައި އިއްޔެ އާންމުންނަށް ހުޅުވައިލި އިރު، ކުރިން ވެސް ނިންމާފައި އޮތީ ރޯދައިގެ ކުރިން އެ ސެގްމަންޓް ނިންމައި ހުޅުވުމަށެވެ. އިއްޔެ އެ ސަރަހައްދު ހުޅުވާލުމުގެ ކުރިން ގަސް އިންދުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ އެ ސަރަހައްދަކީ ކުރިން އެއްކޮޅަށް ދުއްވޭ މަގެއް ނަމަވެސް އަލަށް ގެނައި ބަދަލުތަކާ އެކު މިހާރު ދެކޮޅަށް ދުއްވޭނެ ކަމަށެވެ.

"މިއާއެކު ބާރުބޮޑު ވުމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބޭނެ ކަމަށް ޤަބޫލު ކުރަނީ." އޭނަ ވިދާޅުވި އެވެ.

މަގުފުޅާކޮށް އަލުން ތަރައްގީކޮށްފައި ވަނީ ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށް ބޮޑުތަކުރުފާނު މަގުގަ އެވެ.

މާލޭގެ މޫނުމަތީގެ މަހު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަން ނިންމާފައި އޮތީ ތިން ސެގްމަންޓަކަށެވެ. އެގޮތުން ފުރަތަމަ ސެގްމަންޓްގައި ހިމެނޭ ރަސްމީ ފާލަން ހިމެނޭ ސަރަޙައްދުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ނިންމައި ބޭނުން ކުރަން ހުޅުވައިލީ ޑިސެންބަރު މަހުގެ ތެރޭގަ އެވެ.

މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.