ރާއްޖޭގައި ސްޓްރޯކް ޖެހޭ މީހުން އިތުރުވަމުންދާ ކަމަށާއި މިދިޔަ އަހަރު އެކަނި ވެސް އެފަދަ 532 ކޭސް އައިޖީއެމްއެޗްގައި ރިޕޯޓްކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އައިޖީއެމްއެޗުގެ ނިއުރޮލޮޖީ ޑިޕާޓްމަންޓުގެ ތަފާސްހިސާބުތައް ހިއްސާ ކުރައްވައި ޑރ. އަޙްމަދު ރަޝީދު ވިދާޅުވީ، ރާއްޖޭގައި ނާރުގެ ބަލިތަކާއި ސްޓްރޯކަށް ފަރުވާ ހޯދަން ޖެހޭ މީހުންގެ އަދަދު ނިސްބަތުން އިތުރު ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ނާރުގެ ބަލިތަކުގައި 1،089 މީހުންނަށް އައިޖީއެމްއެޗުގެ ފަރުވާދީފައިވާ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރެއިން ގިނައީ، ސްޓްރޯކް ޖެހުމުން އެޑްމިޓްކޮށްގެން ފަރުވާ ދިން މީހުން ކަމަދް ވެސް އޭނަ ވިދާޅުވި އެވެ.
މިދިޔަ އަހަރު ސްޓްރޯކް ޖެހިގެން އައިޖީއެމްއެޗްގައި 532 މީހަކަށް ފަރުވާ ދީފައިވާ އިރު،. އޭ ތެރެއިން 70 ޕަސެންޓަކީ، ސިކުނޑީގެ ލޭ ހޮޅިއެއް ބެދިގެން ސްޓްރޯކް ޖެހުނު މީހުންނެވެ. އަދި، އަނެއް 30 ޕަސެންޓަކީ ސިކުނޑީގެ ލޭ ހޮޅިއެއް ފަޅައިގެން ގޮސްގެން ސްޓްރޯކް ޖެހުނު ކަމަށް ޑޮކްޓަރު ރަޝީދު ވިދާޅުވި އެވެ.
އޭގެ ތުރުން 557 މީހުންނަކީ، ޢާންމު ބަލިތަކާއި، ފިޓު ޖެހުމާއި، ނާރުގެ އެހެން ބަލިތަކުގައި އެޑްމިޓްކުރި މީހުންނެވެ.
ރަޝީދު ވިދާޅުވި ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ސްޓްރޯކް ޖެހޭ މީހުންނަށް ބަލާ އިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ. ނަމަވެސް ރާއްޖޭގެ އެ ޓްރެންޑަށް ބަލާ އިރު ގިނައީ ފިރިހެނުންނެވެ.
އެގޮތުން މިދިޔަ އަހަރު ރާއްޖޭގައި ސްޓްރޯކް ޖެހިގެން އެޑްމިޓް ކުރި މީހުންގެ ތެރެއިން 70 ޕަސެންޓަކީ، ފިރިހެނުން ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
ސްޓްރޯކް ޖެހިގެން އެޑްމިޓްކުރި މީހުންގެ ތެރެއިން 60 ޕަސެންޓަކީ 61-80 އަހަރާ ދެމެދުގެ މީހުންނެވެ. އަދި 40 ޕަސެންޓަކީ އުމުރުން 40 އަހަރުން ދަށުގެ މީހުންކަން ޑރ. ރަޝީދު ފާހަގަކުރެއްވި އެވެ. އޭނަ ވިދާޅުވީ ހަގު އުމުރުގައި ސްޓްރޯކް ޖެހޭ މިންވަރު އިތުރުވުމަކީ ކަންވޮޑުވާ ވަރުގެ ކަމެއް ކަމަށެވެ.
ރާއްޖޭގައި ސްޓްރޯކް އިތުރުވަމުންދާ އިރު، ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވާފައިވާ ނެޝަނަލް ސެންޓަ ފޮ ނިއުރޯ ސައިންސް އެންޑް ސްޓްރޯކް ސެންޓަރުގެ ސަބަބުން މުސްތަޤުބަލުގައި ރޮބޮޓިކް ޓެކްނޮލޮޖީ ފަދަ ޒަމާނީ ވަސީލަތްތަކާއެކު ސިކުނޑި އާއި، މައިބަދައިގެ އޮޕަރޭޝަންތައް ކުރެވި މުޅި ރާއްޖެ ގުޅާލެވޭ ވިއުގައެއް މެދުވެރިކޮށް ސްޓްރޯކްގެ ބަލި މީހުންނަށް ހަލުވިކަމާއެކު ފަރުވާ ލިބޭނެ ނިޒާމެއް ޤާއިމްވެގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.