ކުޑަކުއްޖަކު ގްރޫމްކޮށް، އެކްސްޕްލޮއިޓްކޮށް އެ ކުއްޖާ އަށް ޖިންސީގޯނާކުރިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކުތީ ފާޠިމަތު ރީމާ ކިޔާ 35 އަހަރުގެ މީހެކެވެ.
ފުލުހުން ބުނީ އޭނަ ހައްޔަރުކުރީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި ކްރައިމް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ މަހުގެ 29 ގައި ކަމަށެވެ. ރީމާ، ގްރޫމްކޮށް އެކްސްޕްލޮއިޓްކޮށް، ޖިންސީ ގޯނާކޮށްފައިވަނީ 15 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކުޑަކުދިން "ގްރޫމް" ކޮށްގެންނާއި، އެ ކުދިންގެ މަޖުބޫރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ އިތުރުން ޖިންސީ ގޯނާގެ އަމަލުތަކުގައި ކުޑަކުދިން ބައިވެރިކުރުވާ ފަރާތްތަކާ މެދު ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ހާއްސަ އިސްކަމެއް ދީގެން ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، ގާނޫނީ ގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް، ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.