Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ރީ-ރަޖިސްޓްރޭޝަނަށް ދިން ސުންގަޑި މިއަދު ހަމަވާނެ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށްޓަކައި ރަޖިސްޓްރީވާން ދިން ސުންގަޑި މިއަދު ހަމޝާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ރީ-ރަޖިސްޓްރީވާން ދިން ވަގުތު ހަމަވާނީ މެންދުރު ފަހު 3:00 އަށެވެ.

އެހާތަނަށް ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކުންނެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރިސޯޓެއްގައި ނުވަތަ ސިނާއީ މަސައްކަތްކުރާ ރަށެއްގައި ނުވަތަ ޖަލުގައި ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން މި އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އެ މީހެއްގެ ވޯޓުލާ ތަންކަމަށް ރަޖިސްޓަރީވެފައި ވާނީ އެ މީހެއްގެ ދާއިމީ އެޑްރެހަށެވެ.

ވޯޓުލާން ރަޖިސްޓަރީ ކުރެވިފައިވާ ތަން ޗެކްކޮށް، މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކުން ވޯޓުލުމަށް ރަޖިސްޓަރީ ކުރުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އީސީން ބުންޏެވެ.

ރީ-ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އީސީގެ 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' (form.electons.gov.mv) ނުވަތަ 'މައި ޕޯޓަލް' (my.electons.gov.mv) މެދުވެރިކޮށް އޮންލައިންކޮށެވެ.

ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު، ޗެކްކުކުރުމަށް VR (Space) NID ޖެހުމަށް ފަހު 1414 އެސްއެމްއެސް ފޮނުވުމުން ޗެކްކުރެވޭނެ އެވެ. އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ނަމަ، 1414 އަށް ގުޅުމަށް އީސީން ވަނީ އެދިފަ އެވެ.