Last Updated: June 5, 22:30
Friday, June 5, 2026
މުނިފޫހިފިލުވުން

ގަންގޫލީ އަށް ރާޖް ބަދަލު ވަނީ

ރާޖް އަދި ގަންގޫލީ.

އަންނަ މަހު ޝޫޓން ފަށަން ހަމަޖެހިފައިވާ އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި، ސޯރަބް ގަންގޫލީގެ ބައޮގްރަފިކަލް ޑްރާމާ ކުޅެން އެކްޓަރު ރާޖްކުމާރު ރާއޯ އޭނަގެ ލުކަށް ބޮޑު ބަދަލެއް ގެނެސްފި އެވެ.

ނަން އަދި އިއުލާން ނުކުރާ މި ފިލްމަކީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު ލަވް ރަންޖަންގެ ޕްރޮޑަކްޝަން ހައުސް، ލަވް ފިލްމްސް އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ހަދަން ހަމަޖެހިފައިވާ ފިލްމެކެވެ. މީގެ ޝޫޓިން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތަކުގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން މިހާރު ހުއްޓިފައި ވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ރާޖްގެ ފޮޓޯއަކަށެވެ.

އޭގައި ފެންނަނީ ފިލްމަށް ތައްޔާރުވުމުގެ ގޮތުން ގަންގޫލީ އަށް ވާން ގެނެސްފައިވާ ޓްރާންސްފޮމޭޝަނެވެ.

މިކަމާ ގުޅޭ ގޮތުން ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ އެކްޓަރު އިންސްޓަގްރާމް ޕޯސްޓެއްގައި ބުނީ ގަންގޫލީގެ ފިލްމަށް ތައްޔާރީތައްވަމުން އަންނަ އިރު، އެހެން ބައޯޕިކެއް ކުޅެން ފަލަވާން އިތުރުކުރި 9-10 ކިލޯ މިހާރު އަންނަނީ ދުއްވާލަމުން ކަމަށެވެ.

ރާޖް ފަލަވީ އިންޑިއާގެ މަޝްހޫރު ވަކީލެއް ކަމަށްވާ އުޖްވާލް ނިކަމްގެ ވާހަކަ ކިޔައިދޭ ފިލްމު 'ނިކަމް' އަށެވެ.

ރާޖް ބުނި ގޮތުގައި އޭނަ އަކީ ކުޅެން ޖެހޭ ކެރެކްޓާއަކަށް އާޓިފިޝަލް ބަދަލުތަކެއް ގެނެސް، ޕްރޮސްތެޓިކް މޭކަޕް ފަދަ އުކުޅުތަކަށް ތާއިދުކުރާ މީހެއް ނޫނެވެ. އެހެންވެ އަބަދު ވެސް ކެރެކްޓާތަކަށް ތައްޔާރުވާން ޖިސްމާނީ ގޮތުން މަސައްކަތް ކުރަން ވަރަށް ލޯބިކުރާ ކަމަށާއި ކުރިން ވެސް އެފަދަ ތަޖުރިބާތަކެއްކޮށްފައި ވާނެ ކަމަށް ބުންޏެވެ.

ނިކަމް ނިންމާލައި، ގަންގޫލީގެ ބައޯޕިކަށް ހުނަރުވެރި އެކްޓަރު ތައްޔާރުވަމުން އަންނަ އިރު، އޭނަ ކުރިން ވެސް ބައޮގްރަފިކަލް ޑްރާމާތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފަހުގެ ފިލްމަކީ އިންޑިއާގެ ލޯފަން ވިޔަފާވެރިއެެއް ކަމަށްވާ ސްރީކާންތު ބޮއްލާގެ ވާހަކަ ކިޔައިދިން 2024 ގެ 'ސްރީކާންތު' އެވެ.