Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

އެމްބިއުލާންސަށް، ތަން ނުދޭތީ ކަންބޮޑުވުން ފާޅުކޮށްފި

ކުއްލި ހާލަތްތަކުގައި އައްޑޫގައި ސައިރަން އަޅާފައިއެމްބިއުލާންސް ދުއްވާ އިރު، މަގުމަތިން ދުއްވާ މީހުން އެމްބިއުލާންސަށް ތަން ނުދިނުމުގެ ސަބަބުން ތަކުރާރުކޮށް ނުރައްކާތެރި ހާދިސާތައް ހިނގަމުންދާތީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރޭ ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ބަޔަކަށް އެޓެންޑްވާން އެމްބިއުލާންސް ދަނިކޮށް، ތަން ނުދިނުމުގެ ސަބަބުން އެމްބިއުލާން އެކްސިޑެންޓްވެ އިތުރު ބަޔަކަށް އަނިޔާވެފައިވެ އެވެ.

މިކަމާ ގުޅިގެން އޭއީއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފާއިތުވި ދެ މަހުގެ ތެރޭގައި އެފަދަ ދެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.

ބަޔާނުގައި ބުނީ އެމްބިއުލާންސަކީ ފުރާނަ އަށް ނުރައްކާވާ ފަދަ ހާލަތްތަކުގައި ތިބޭ މީހުންނަށް އަވަސް ފަރުވާ ފޯރިކޮށް ދިނުމަށްޓަކައި ދަތުރުކުރާ ވެހިކަލަކަށްވާތީ އެފަދަ ދަނޑިވަޅެއްގައި މަގުމަތީގައި ދުއްވާ މީހުން އެމްބިއުލާންސަށް ތަން ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި މިއީ ގާނޫނީ ވާޖިބެއްގެ އިތުރުން ފަރުދީ ޒިންމާއެއްކަން ވެސް އޭއީއެޗުން ހަނދާންކޮށް ދީފައިވެ އެވެ.

އެގޮތުން އެމްބިއުލާންސްގެ ސައިރަންގެ އަޑު އިވެން ފެށުމާ އެކު ވަގުތުން މަގުދައްކައި އެމްބިއުލާންސަށް ދަތުރު ކުރެވޭނެ މަގު ތަނަވަސްކޮށް ދިނުމަކީ ދުއްވާ އެހެން ވެހިކަލްތަކުގެ ޒިންމާއެއް ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.

އޭއީއެޗުން ބުނީ މަގުމަތަކީ ރައްކާތެރި އަމާން ތަނަކަށް ހެދުމަށްޓަކައި ހުރިހާ އެންމެން އެއްބާރުލުން ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ދެކޭ ކަމަށެވެ.

އެހެންވެ ނުރައްކާތެރި ހާދިސާތައް މަދުކުރުމުގެ ގޮތުން ރައްޔިތުން ހޭލުންތެރި ކުރުވުމަށާއި މަގުމަތީގެ ގަވާއިދުތަކަށް އަހުލުވެރި ކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން ހާއްސަ ކެމްޕޭނެއް ހިންގުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

"ކުރިއަށް އޮތް ތަނުގައި މިފަދަ ނުރައްކާތެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ހޮސްޕިޓަލްގެ ފަރާތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުން ދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވަން." އޭއީއެޗުން ބުންޏެވެ.

އައްޑު އަކީ ރާއްޖޭގައި އެންމެ ގިނައިން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ ތަނެވެ. އެެގޮތުން މިހާތަނަށް އެކްސިޑެންޓްތަކުގައި އެތައް ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކު ނުކުޅެދޭ މީހުންނަށް ވެސް ވެފައިވެ އެވެ.